ކޯޓުގެ ހުރުމަތް ކަނޑައިގެން އަދީބަށް 15 ދުވަހުގެ ޖަލު ހުކުމެއް
ކޯޓުގެ ހުރުމަތް ކަނޑައިގެން އަދީބަށް 15 ދުވަހުގެ ޖަލު ހުކުމެއް

ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް، ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި މިއަދު އިތުރު 15 ދުވަހުގެ ހުކުމެއް އިއްވައިފި އެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހުކުމް އިއްވީ އަދީބުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގައި މިއަދު ބޭއްވި ސިއްރު ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

މިއަދު ބޭއްވި އަޑުއެހުން ސިއްރުކޮށްފައި ވާތީ އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

ރިޝްވަތު ދިނުމާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ އަދީބުގެ މައްޗަށް ކުރަނީ އޭނާ ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.

އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.