ފާރިސް އަލުން ހައްޔަރުކުރުމުން ދައްކައިދެނީ ބާރުތަައް ވަކިވެފައި އޮތުމަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު: އީޔޫ
ފާރިސް އަލުން ހައްޔަރުކުރުމުން ދައްކައިދެނީ ބާރުތަައް ވަކިވެފައި އޮތުމަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު: އީޔޫ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމުން ދައްކައިދެނީ ރާއްޖޭގައި ގާނޫނު ހިންގުމާއި ބާރުތައް ވަކިވެފައި އޮތުމަށް ނުރައްކާ ކުރިމަތިވެފައިވާ މިންވަރު ކަމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިއަދު ބުނެފި އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތަށް ފާރިސް ހައްޔަރުކޮށް ދެވަނަ ފަހަރަށް ހައްޔަރުކުރީ ހުކުމެއް ނީއްވާ ހަ މަސް ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލިތާ ގިނަ އިރުތަކެއް ނުވަނީސްކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އުސޫލްތަކާއި ހަމަތަކަށް ދައުލަތުގެ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކުން ވީއެންމެ އަވަހަކަށް ރުޖޫއަވެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.

ހުރިހާ ސިޔާސީ ޕާޓީތަކަށް ބައިވެރިވެވޭ، ދެފުށް ފެންނަ އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ދޭންޖެހޭ ކަމަށް ވެސް އީޔޫ އިން ބުނެފައިވެ އެވެ.

މަޖިލިސް މެމްބަރުތަކަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ފާރިސް ޖަލުގައި ބަންދުކޮށްގެން ހަމަސް ދުވަހު ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު ހޮނިހިރު ދުވަހު މެންދުރު އޭނާ އަލުން ހައްޔަރުކޮށް ގެ ވެސް ފާސްކޮށްފައިވެ އެވެ.