އަގުހުރި އިނާމުތަކެއް ލިބޭ ތިން މަސްދުވަހުގެ ކުއިޒެއް އުރީދޫން ފަށައިފި
އަގުހުރި އިނާމުތަކެއް ލިބޭ ތިން މަސްދުވަހުގެ ކުއިޒެއް އުރީދޫން ފަށައިފި

އުރީދޫން "ސްޕޯޓްސް ފްރެންޒީ"ގެ ނަމުގައި، ތިން މަސް ދުވަހަށް ކުރި އަށް ގެންދާ އެސްއެމްއެސް ކުއިޒެއް ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މި ކުއިޒްގައި ރަނގަޅު ޖަވާބު ފޮނުވާ ބައިވެރިންގެ ތެރެ އިން އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިންނަށް ކޮންމެ ދުވަހަކު، ހަފުތާ އަކު އަދި މަހަކު އަގުހުރި އިނާމުތައް ދޭން ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، ރަނގަޅު ޖަވާބު އެސްއެމްއެސް ކުރާ ކޮންމެ ފަހަރަކު، އެމީހަކަށް 100 ޕޮއިންޓް ލިބޭނެ އެވެ. އަދި ޖަވާބު ރަނގަޅު ނުވިޔަސް، ފޮނުވާ ކޮންމެ ޖަވާބަކަށް 50 ޕޮއިންޓް ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.

ކޮންމެ ދުވަހަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ފަސް ބައިވެރިންނަށް 500 އެމްބީގެ ޑޭޓާ ލިބޭނެ އެވެ. އަދި ކޮންމެ ހަފުތާއަކު އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވާ ދެ ބައިވެރިއަކަށް އައިފޯން 5އެސްއީއެއް ލިބޭނެ އެވެ.

މިއަދުން ފެށިގެން އޮކްޓޫބަރު 13 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކުއިޒުން ކޮންމެ މަހަކު ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ބައިވެރިއެއް ހޮވައި، އެ ބައިވެރިއަކަށް ހޮންޑާ ސްކޫޕީ އައި ކްލަބް ސައިކަލެއް ދޭނެ ކަމަށް ވެސް އުރީދޫގެ ބަޔާނުގައި ބުނެފައި ވެ އެވެ.

ކުއިޒްގައި ބައިވެރިވުމަށް "GO" ޖެހުމަށް ފަހު 4242 އަށް އެސްއެމްއެސްއެއް ފޮނުވުމުން ބައިވެރިވެވޭނެ އެވެ. އަދި މި ކުއިޒާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ ހަމަ އެ ނަންބަރަށް "HELP" ޖަހާފައި އެސްއެމްއެސްއެއް ކުރުމުން މައުލޫމާތު ލިބޭނެ ކަމަށް އުރީދޫން ބުނެ އެވެ.