30 ޖެނުއަރީ 2018 - 14:53

މާލޭގެ އާޓް ސްޓޫޑިއޯއަކަށް ގެންގޮސް، 19 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތަށް ފުލުހުން ހައްޔަރުކުރި މީހާގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އަންހެން މީހާ ރޭޕްކުރި ކަމުގެ ތުހުމަތު ކުރަނީ 34 އަހަރުގެ ފިރިހެނަކަށެވެ. އަދި އެ މައްސަލައިގައި އޭނާ މި މަހު ހަ ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، އޭގެ ފަހުން ދެ ފަހަރަށް ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ. ކުށުގެ ތުހުމަތަށް އޭނާ ހައްޔަރުކޮށްފައި ވަނީ، އޭނާގެ ރަށް، ގދ. ތިނަދޫން މި މަހުގެ 22 ވަނަ ދުވަހު އެވެ.
އަޑު ފެތުރިފައިވާ ގޮތުން އަންހެން މީހާ ރޭޕްކުރީ އާޓް ޕްރޮޖެކްޓަކާ ބެހޭ ގޮތުން ވާހަކަ ދައްކަން ކަމަށް ބުނެ ސްޓޫޑިއޯއަށް ގެންގޮހެވެ. ބައެއް މީޑިއާތަކުގައި އަންހެން ކުއްޖާއާ ހަވާލާދީ ލިޔެފައިވާ ގޮތުގައި ރޭޕް ކުރުމަށް ފަހު، އެ ކަން ސިއްރު ކުރަން އޭނާ އަށް ފައިސާ ވެސް ހުށަހެޅި އެވެ. އެ ކަމަކު އަންހެން ކުއްޖާ ވަނީ އެކަން ގަބޫލުނުކޮށް ޕޮލިހަށް މައްސަލަ ހުށަހަޅައިފަ އެވެ.
ނަމަވެސް އަންހެން މީހާގެ ވާހަކަތައް އެ ފިރިހެން މީހާ ދޮގު ކުރަމުން ބައެއް މީޑިއާތަކުގައި ބުނެފައިވަނީ އަންހެން ކުއްޖާ ދިޔައީ އޭނާ ދިރިއުޅޭ ކޮޓަރި އަށް ކަމަށާއި އެއީ ސްޓޫޑިއޯއެއް ވެސް ނޫން ކަމަށެވެ. އޭނާއަށް ތުހުމަތުކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެއީ އަބުރު ނަގާލަން ދައްކާ ވާހަކަތަކެއް ކަމަށް ވެސް ފިރިހެން މީހާ ބުނެފައިވެ އެވެ.