30 ޖެނުއަރީ 2018 - 15:04

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ "ޕަދްމާވަތު" ދެއްކުން މެލޭޝިއާގައި މަނާކޮށްފި އެވެ. މެލޭޝިޔާގެ ފިލްމް ސެންސަރު ބޯޑުން މި ފިލްމު މަނާ ކުރީ ފިލްމުގައި ދައްކާ ވާހަކަ އާއި މަންޒަރުތަކުން އިސްލާމް ދީނަށް އިހާނެތިކަން ލިބޭ ކަމަށް ބުނެފަ އެވެ.
މުސްލިމް މެޖޯރިޓީއެއް އޮންނަ މެލޭޝިޔާ ސެންސަރު ބޯޑުން ފިލްމު ފާސްކޮށް ނުދިނުމުން އެ ގައުމުގައި ފިލްމު ރިލީޒް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
މެލޭޝިޔާގެ ގާނޫނު ބުނާ ގޮތުން ފިލްމެއް ދެއްކުމުގެ ހުއްދަ ދިނުމާއި ނުދިނުމުގެ ހުރިހާ ބާރެއް ލިބިފައިވަނީ ސެންސަރު ބޯޑަށެވެ. ސެންސަރު ބޯޑުން ނިންމާ ނިންމުމެއް އެއްވެސް ކޯޓަކަށް ވެސް ބަދަލެއް ނުކުރެވޭނެ އެވެ.
މެލޭޝިއާގައި މި ފިލްމު ދެއްކުން މަނާކުރި އިރު އިންޑިއާގައި ހިންދީން ވެސް ގެންދަނީ އެ މީހުންގެ ދީނަށް މި ފިލްމުން ނުބައި ތަސައްވުރެއް ލިބޭ ކަމަށް ބުނެ ފިލްމާ ދެކޮޅުހަދަމުންނެވެ.