އާއިލާ މީހުންނަށް ވަޒީފާ ދިނުން އާޖެންޓީނާގެ ރައީސް މަނާކޮށްފި
އާއިލާ މީހުންނަށް ވަޒީފާ ދިނުން އާޖެންޓީނާގެ ރައީސް މަނާކޮށްފި

ބިއުނަސް އޭރީޒް (ޖެނުއަރީ 30) - އާއިލީ މީހުންނަށް ސަރުކާރުގެ ވަޒީފާތައް ދިނުން އާޖެންޓީނާގެ ރައީސް މައުރީސިއޯ މަކްރީ މަނާކުރައްވައިފި އެވެ.

މިނިސްޓަރުންގެ ގާތް މީހުންނަށް ވަޒީފާ ދިނުމާއި މިހާރު ވަޒީފާގައި ތިބި އެފަދަ ފަރާތްތައް ވެސް މަގާމުތަކުން ވަކިވުމަށް ވަނީ އަންގައިފަ އެވެ. މީގެ އިތުރުން ވަޒީރުން މަގާމުތަކަށް ހަމަޖައްސާފައިވާ ކޮންމެ ހަތަރު މީހެއްގެ ތެރޭން އެކަކު މަގާމު ދޫކޮށްލުމަށް ވެސް ރައީސް ވަނީ އަންގަވައިފަ އެވެ. ސަރުކާރު މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑު ނުކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މި ބަދަލުތައް ގެނެސްގެން މި އަހަރު ތެރޭ 77 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އާޖެންޓީނާ ސަރުކާރުން އުއްމީދުކުރެ އެވެ.

މަކްރީ ވިދާޅުވީ ސަރުކާރުގެ އޮނިގަނޑަށް އޭނާ ގެންނަވަނީ ހަމައެކަނި އިގްތިސާދީ ބަދަލެއް ނޫން ކަމަށާއި އަދި އެއީ މާކުރިއްސުރެ އޮތް ސަގާފަތެއް ނައްތާލަން ގެންނަ ބަދަލެއް ކަމަށެވެ.

"އާޖެންޓީނާގައި އޮތް ބާރުގެ ސަގާފަތް ބަދަލުކުރަން ބޭނުންވޭ،" މަކްރީ ވިދާޅުވި އެވެ.

ރައީސްގެ ނިންމުން އިއުލާން ކުރެއްވުމާ އެކު ސަރުކާރުގައި ތިބި ވަޒީރުންގެ ވަރަށް ގިނަ ބަޔަކު ވަނީ މަގާމު ދޫކޮށްލައިފަ އެވެ. މަގާމު ދޫކޮށްލަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ލޭބަ މިނިސްޓަރުގެ އަނބިކަނބަލުންނާއި އޭނާގެ ދެ ދައްތަ އާއި ދާޚިލީ ވަޒީރުގެ އަނބިކަނބަލުންނާއި އޭނާގެ ބައްޕަ ހިމެނެ އެވެ.

މަކްރީ ގެންދަވަނީ އަންނަ އަހަރު އޮންނަ އިންތިޚާބުގައި ދެ ވަނަ ދައުރު ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.