އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕްކުރުމުން އެތައް ބަޔަކު ރަތަށް
އިންޑިއާގައި އަށް މަހުގެ ކުއްޖަކު ރޭޕްކުރުމުން އެތައް ބަޔަކު ރަތަށް

ނިއު ދިއްލީ (ޖެނުއަރީ 30) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަށް މަހުގެ ތުއްތު ކުއްޖަކު ރޭޕް ކުރުމުން އެތައް ބައެއްގެ ރުޅިވެރިކަން އިތުރުވެއްޖެ އެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ ދެބެންގެ ދެދަރި މީހެކެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކުއްޖާގެ ހާލަތު ސީރިއަސް ކަމަށްވެ އެވެ.

ފުލުހުން މިހާރު ވަނީ އެ ކުއްޖާ ރޭޕްކުރި ކަމަށް ބެލެވޭ 28 އަހަރުގެ މީހާ ހައްޔަރުކޮށްފަ އެވެ. އެއީ ދުވަހު މުސާރަ އަށް މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލުގައި އޮތް ކުއްޖާ އަށް ޒިޔާރަތް ކުރި ދިއްލީ ކޮމިޝަނާ ފޯ ވިމެންގެ ވެރިޔާ ސްވާތީ މަލިވާލް ވިދާޅުވީ ކުއްޖާ އަށް ދީފައި ވަނީ ބޮޑެތި އަނިޔާތަކެއް ކަމަށެވެ. އަދި ތިން ގަޑިއިރުގެ އޮޕަރޭޝަނެއް އެ ކުއްޖާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްއޭނާ ވަނީ އަށް މަހުގެ ކުއްޖަކު ރޭޕްކޮށްފައިވާ އިރު ދިއްލީގެ ރައްޔިތުންނަށް ނިދޭނީ ކިހިނެއްތޯ ޓްވިޓް މެދުވެރިކޮށް ސުވާލުކޮށްފަ އެވެ. އަދި ގައުމުގެ އަންހެން ކުދިން ރައްކާތެރި ކުރުމަށް މިހާރަށް ވުރެ ހަރުކަށި ގާނޫނުތަކާއި އިތުރު ފުލުހުން ބޭނުންވާ ކަމަށް އޭނާ ވަނީ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ދަންނަވައިފަ އެވެ.

ދިއްލީގައި 23 އަހަރުގެ ކުއްޖަކު 2012 ވަނަ އަހަރު ރޭޕްކުރި ހާދިސާ އަށް ފަހު ވަނީ ރޭޕްކުރާ މީހުންނަށް ދޭ އަދަބުގެ ގާނޫނުތައް ހަރުކަށިކޮށްފަ އެވެ. ނަމަވެސް ރޭޕުގެ ރޭޓް ދަށްވެފައެއް ނުވެ އެވެ. ނޭޝަނަލް ކްރައިމް ރެކޯޑްސް ދައްކާ ގޮތުން 2016 ވަނަ އަހަރު އިންޑިއާގައި ވަނީ 19،765 ކުޑަ ކުދިން ރޭޕްކޮށްފަ އެވެ. އެއީ 2015 ވަނަ އަހަރަށް ވުރެ 85 ޕަސެންޓް އިތުރު އަދަދެކެވެ.