ކޮމަންވެލްތުގެ މަންދޫބު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ
ކޮމަންވެލްތުގެ މަންދޫބު އަންނަ މަހު ރާއްޖެ ވަޑައިގަންނަވަނީ

ކޮމަންވެލްތުން ރާއްޖެ އަށް ކަނޑައެޅި ހާއްސަ މަންދޫބު އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިދިޔަ މަހު ފަހުކޮޅު ހަމަޖެއްސީ ކެންޔާގެ ކުރީގެ އުއްތަމަ ފަނޑިޔާރު ވިލީ މުޓުންގާ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމުގެ ޒިންމާ އޭނާއާ ވަނީ މަތިކޮށްފަ އެވެ.

އާ ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި މުޓުންގާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ކުރީކޮޅު އެވެ. ވަކި ކަމެއް ފާހަގަ ކުރެއްވުމެއް ނެތި އޭނާ ވިދާޅުވީ އެއީ ކޮމަންވެލްތާ ގުޅިގެން ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރަން ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ.

ރާއްޖޭގެ ކަންކަން ބެއްލެވުމުގެ ޒިންމާ ހަވާލުވެވަޑައިގަތުމަށް ފަހު މުޓުންގާ ވިދާޅުވެފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރާނީ ރާއްޖޭގެ ސިޔާސީ ފަރާތްތައް އެއްގަލަކަށް އެރުވުމަށެވެ.

"މިކަމުގެ ބޭނުމަކީ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމަށް މަގު ފަހި ކުރުމަށް ބޭނުންވާ މަޝްވަރާގެ އިންތިޒާމް ހަމަޖައްސައި ދިނުން. އަދި ރާއްޖޭގެ މުއައްސަސާތަކާއި ޑިމޮކްރެސީ ވަރުގަދަ ކުރަން އެހީ ވާން ވެސް ވަނީ ހަވާލުކޮށްފައި،" މުޓުންގާ ރިޓަޔާ ކުރެއްވުމަށް މިދިޔަ މަހު ފަހުކޮޅު ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައިވެ އެވެ.

ކޮމަންވެލްތުން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކާއި އެ ނޫން ވެސް ކަމާ ގުޅުން ހުރި ފަރާތްތަކާ މުޓުންގާ ބައްދަލު ކުރައްވާނެ އެވެ. އޭނާ މަސައްކަތް ކުރައްވާނީ، ކޮމަންވެލްތުން ބުނި ގޮތުގައި، ހުޅުވާލެވިފައިވާ ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމާއި ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ އިންތިހާބެއް 2018 ގައި ބޭއްވުމުގެ އިތުރަށް ދައުލަތުގެ ބާރުތައް ވަކި ކުރެވިފައިވާކަން ކަށަވަރު ކުރުމަށެވެ.

މިއީ ކޮމަންވެލްތުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ކަނޑައެޅި ދެ ވަނަ ފަހަރެވެ. މީގެ ކުރިން، 2012 ގައި ވެރިކަން ބަދަލުވުމާ އެކު ހިނގި ހަމަނުޖެހުންތަކާއި އޭރު އޮތް ސިޔާސީ ހަލަބޮލިކަން ހައްލު ކުރުމަށް ރާއްޖެ އަށް އެހީ ވުމަށް ވެސް ކޮމަންވެލްތުން ހާއްސަ މަންދޫބެއް ހަމަޖެއްސި އެވެ.

ކޮމަންވެލްތުގެ މަންދޫބު ރާއްޖެ ވަޑައިގަންނަވާނީ އދ.ގެ ހާއްސަ މަންދޫބުގެ ދަތުރަށް ފަހު އެވެ. ސިޔާސީ މަސްރަހު ފިނި ކުރަން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރި އަށް ގެންދަން އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ވަނީ ނިންމަވާފަ އެވެ.