ކުރިއަށް ހުރީ ރީތި ފިލްމުތަކެއް: ޕަރިނީތީ
ކުރިއަށް ހުރީ ރީތި ފިލްމުތަކެއް: ޕަރިނީތީ

"ގޯލްމާލް އެގެއިން"ގެ ބޮޑު ކާމިޔާބީއަށް ފަހު އެ ފިލްމުގެ ބަތަލާ ޕަރިނީތީ ޗޯޕްރާގެ ކެރިއަރަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. ޕަރިނީތީ ބުނި ގޮތުގައި އަޖައިބެއްފަދަ ރީތި ފިލްމުތަކެއް ކުޅުމުގެ ފުރުސަތު އޭނާއަށް މިހާރު ވަނީ ލިބިފަ އެވެ. އަދި އެ ފިލްމުތައް ކުޅެން އޭނާ މިހާރު އަންނަނީ ސޮއި ކުރަމުންނެވެ.

ޕަރިނީތީ ބުނި ގޮތުގައި "ގޯލްމާލް އެގެއިން" 200 ކްރޯޑު ކްލަބަށް ވަދެފައިވާތީ ވަރަށް އުފާވެ އެވެ. އޭނާ ބޭނުންވަނީ 100 ކްރޯޑު ކްލަބަށް ވަންނަން ކަމަށާއި ނަަމަވެސް އެއަށްވުރެ މައްޗަށް ދެވުމުން ވަރަށް ހިތްހަމަޖެހުނު ކަމަށް ބުންޏެވެ.

ޕަރިނީތީ ބުނި ގޮތުގައި ބަރުދަން ލުއިކޮށް ހަށިގަނޑަށް ގެނައި ބޮޑު ބަދަލުން އޭނާގެ ފިލްމީ ކެރިއަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ. ފިލްމު ކުޅެން ފެށިއިރު ހުރީ ތަންކޮޅެއް ފަލަކޮށް ކަމަށް ވާތީ އޭރު އޭނާއާ ދޭތެރޭ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދެކޭ ގޮތާއި މިހާރު ދެކޭ ގޮތް ބަދަލުވެފައިވާ ކަމަށް ވެސް ޕަރިނީތީ ބުންޏެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް އެކި ބްރޭންޑްތައް އިޝްތިހާރު ކުރުމުގެ ފުރުސަތުތަކާއި ފިލްމުތައް މިހާރު މާ ގިނައިން ލިބޭކަމަށް ޕަރިނީތީ ބުންޏެވެ.

އޭނާ ބުނީ ހަށިގަނޑުގެ ބައްޓަން ބަދަލުކޮށްލައި ފިޓް ނުވި ނަމަ "ގޯލްމާލް އެގެއިން" ވެސް ކުޅެން ނުލިބުނީސް ކަމަށް ގަބޫލުކުރާ ކަމަށެވެ. ސަބަބަކީ އެ ފިލްމުގައި އޭނާ ކުޅުނީ ވަރަށް ފިޓްކޮށް ހުންނަ އެކްޝަން މަންޒަރުތައް ވެސް ކުޅެން ޖެހުނު ރޯލަކަށް ވާތީ އެވެ.

"ފަލަވީމަ ބައެއް ކަހަލަ ރޯލުތައް އެއްގޮތަކަށް ވެސް ނުކުޅެވޭނެ. މިސާލަކަށް އެކްޝަން މަންޒަރުތައް ހިމެނޭ ރޯލުތައް ނުވަތަ ޑްރަގް އެޑިކްޓެއްގެ ރޯލު ފަލަ ވީމަ ނުކުޅެވޭނެ. އެހެންވެ ބަރުދަން ލުއިކުރީ،" ޕަރިނީތީ ބުންޏެވެ.

ޕަރިނީތީ މިހާރު ކުޅެމުން އަންނަނީ އަރްޖުން ކަޕޫރާއެކު ކުޅޭ "ސަންދީޕް އައުރު ޕިންކީ ފަރާރް"ގެ މަސައްކަތެވެ. އޮގަސްޓް ތިން ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު ޑައިރެކްޓްކުރަނީ ދިބާކަރް ބެނާޖީ އެވެ.