30 ޖެނުއަރީ 2018 - 11:39

މޮސްކޯ (ޖެނުއަރީ 30) - ބްލެކް ސީ މަތިން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓަކާ ރަޝިޔާގެ ފައިޓާ ޖެޓެއް ފަސް ފޫޓަށް ކައިރިކޮށްފައިވާ ކަމަށް އެމެރިކާގެ ނޭވީން ބުނެފި އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ އެ ގައުމުގެ ޖެޓް ހަރަކާތްތެރިވެފައި ވަނީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދު ބޭނުން ކުރަން އޮންނަ ބައިނަލްއަގުވާމީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
އެމެރިކާގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނީ ރަޝިޔާގެ ޖެޓް ވަނީ އެމެރިކާގެ ޖާސޫސީ ބޯޓުގެ ފްލައިޓް ޕާތަށް ވަދެފައި ކަމަށެވެ. ރައްދުގައި ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ފައިޓާ ޖެޓް ދަތުރުކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.
"ރަޝިޔާގެ ބޯޓުގެ ޕައިލެޓުން ހަރަކާތްތެރިވެފައި ވަނީ ރަޝިޔާގެ ވައިގެ ސަރަހައްދު ގަވާއިދާ ޚިލާފަށް ބޭނުންކުރި އެމެރިކާގެ ބޯޓު ހުއްޓުވާކަށް ނޫން،" ބަޔާނުގައި ބުނެފައިވެ އެވެ.
ރަޝިޔާ ސަރުކާރުން ބުނީ އެމެރިކާގެ ޖާސޫސީ ބޯޓު އެ ގައުމުގެ ވައިގެ ސަރަހައްދުން ނުކުތުމާ އެކު ރަޝިޔާގެ ޖެޓް އަނބުރާ ވައިގެ މަރުކަޒަަށް ދިޔަ ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިޔާ އިން ވަނީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތަށް ހަދާފައިވާ އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށެވެ.