30 ޖެނުއަރީ 2018 - 11:24

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ސިއްރުކޮށްފި އެވެ.
އަދީބުގެ މައްޗަށް އެ ދެ ދައުވާކުރަނީ އޭނާ ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެ މައްސަލާގައި ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
އެ ދެ ދައުވާގެ ޝަރީއަތް ވެސް މިއަދު ހެނދުނު ފަށަން ކޯޓުގައި ހަމަޖައްސާފައިވާއިރު އެ ދެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ. އެކަމަކު އަޑުއެހުން ސިއްރުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ގާނޫނު އަސާސީ ބުނާގޮތުން ވަކި ސަބަބުތަކަށްޓަކައި، ޝަރީއަތެއް ނުވަތަ ޝަރީއަތުން ވަކި ބައެއް ސިއްރު ކޮށްގެން ގެންދިއުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.
ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ.