އާމިރުގެ "ސީކްރެޓް ސުޕަސްޓާ"އަށް 10 ދުވަހުން 66 މިލިއަން ޑޮލަރު ލިބިއްޖެ
އާމިރުގެ "ސީކްރެޓް ސުޕަސްޓާ"އަށް 10 ދުވަހުން 66 މިލިއަން ޑޮލަރު ލިބިއްޖެ

އާމިރު ޚާނާއި ޒާއިރާ ވަސީމްގެ "ސީކްރެޓް ސުޕަސްޓާ" އަށް ޗައިނާގެ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ލިބެމުން އެބަދެ އެވެ. ފިލްމު ރިލީޒްކުރިތާ 10 ދުވަސް ވީއިރު ފިލްމަށް ވަނީ 66 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފަ އެވެ.

ފިލްމު ބެލި ޗައިނާ މީހުންނަށް މި ފިލްމު ރީތިވެގެން އުޅޭއިރު ކްރިޓިކްސް ވެސް ވަނީ މި ފިލްމަށް ތައުރީފުކޮށްފަ އެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި "ސީކްރެޓް ސުޕަސްޓާ" އަށް ޗައިނާގައި ތަރުހީބު ބޮޑެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި މި ފިލްމު 500 ކްރޯޑު ހޯދާނެކަމަށް އުންމީދުކުރޭ ކަމަށެވެ.

އާމިރު ޚާން ޕްރޮޑިއުސްކޮށް އޭނާގެ މެނޭޖަރު އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކިޔައިދެނީ އިންސިއާ ކިޔާ 14 އަހަރުގެ ޒުވާން އަންހެންކުއްޖެއްގެ ވާހަކަ އެވެ. ލަވަކިޔުމަށް އޭނާގެ ހިތުގައި އޮތް ލޯބީގެ ސަަބަބުން ޔޫޓިއުބު ޗެނަލެއް އުފައްދައި އެ މެދުވެރިކޮށް އޭނާ ލަވަތައް މުޅި ދުނިޔެއަށް ހިއްސާ ކުރަމުން ގެންދެ އެވެ. ކާކުކަން އެނގުނަ ނުދިނުމަށް ބުރުގާއިން މޫނު ފޮރުވައިގެން އޭނާ ކިޔާފައިވާ ލަވަތައް މުޅި ދުނިޔެއަށް މަޝްހޫރުވެ އިސާހިތަކު އޭނާއަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބެ އެވެ.

މިއީ މަންމައަކާއި ދަރިއެއްގެ ހާއްސަ ގުޅުން ވަރަށް ފުރިހަމައަށް ދައްކުވައިދޭ ފިލްމެކެވެ. އިންސިއާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބައްޕަގެ އެހީތެރިކަން ނުލިބުނު ނަމަވެސް އޭނާގެ މަންމަ އެކަމަށްޓަކައި ވާ ގުރުބާނީ ފިލްމުން ފެނެ އެވެ.