ހަފުތާއަކަށް ފިނި ހިފަހައްޓައިދޭ ދަބަހެއް
ހަފުތާއަކަށް ފިނި ހިފަހައްޓައިދޭ ދަބަހެއް

ދަތުރުދާއިރު ގެންދާ ފެންފުޅިތަކާއި ދަޅުތަކުގެ ފިނި ކެނޑުމަކީ ވަރަށް ހިތްދަތިވާ ކަމެކެވެ. ގިނައިރު ފިނިކަން ބެހެއްޓޭނީ ކޮންމެވެސް ކަހަލަ އައިސް ފޮއްޓެއްގައެވެ. މިފާޑުގެ ފޮށިތަކަކީ ގިނަ ފަހަރަށް އުފުލާ ގެންގުޅެން ފަސޭހަ އެއްޗެއް ނޫނެވެ. އެކަމަކު އޮޓަބޮކްސް ޓްރުޕާ 20 އަކީ މަޑު ނައިލޯނު ފޮތީގެ ކޫލަރެކެވެ. ދަބަހަކާ ވެސް ވައްތަރެވެ. ދިގު ވާގަނޑެއްލާފައި ހުރުމުން ގެންގުޅެން ވަރަށް ފަސޭހައެވެ.

މިފޮށި ފަރުމާކޮށްފައިވަނީ 18 ލީޓަރުގެ ދިޔާތަކެތި ރައްކާކުރާނެ ޖާގަ ހިމަނައިގެންނެވެ. ގާތްގަނޑަކަށް ވިއްސަކަށް ދަޅު ރީތިކޮށް މީގައި އަތުރާލެވޭނެއެވެ. މިދަޅުތަކުގެ ފިނިކަން ހަފުތާއެއްހާ ދުވަހަށް ދަމަހައްޓައިދޭނެކަމަށްވެއެވެ. އެއީ މި ފޮށި އުފައްދާފައިވަނީ ގަނޑުފެން ތިން ދުވަސް ވަންދެން ވިރުނަނުދީ ބަހައްޓައިދޭ ފެންވަރުގެ ތާމަލް އިންސިޔުލޭޝަން ފަށަލައަކާއެކު ކަމަށްވާތީއެވެ.

ފޮށީގެ ބޭރުގައިވާ މަޑު ނައިލޯނު އުފައްދާފައި ވަނީ ފަޅައިގެންނުދާނެ ކަހަލަ މާއްދާއެއް ހިމަނައިގެންނެވެ. އިރުގެ ގަދަ އަލީގެ ދޯދިތަކާއި ކެމިކަލްތަކުގެ ނުރައްކަލުން ވެސް މިފޮއްޓަށް ހިމާޔަތްދީފައިވަނީ މީގެ ކަވަރުގައިވާ މާއްދާތަކުންނެވެ. ކިތަންމެ ކަށިބޯ ތަނެއްގައި ބެހެއްޓިޔަސް ނުވަތަ އަކިރިތަކާއި ގާތަކުމަތީ ބަހައްޓަން ޖެހުނަސް ފަރުވާލެއް ނެތެވެ. ގަދަ ކަނޑެއްގައި ދަތުރުކުރަން ޖެހުނަސް ފޮށީގެ ތެރެއަށް ލޮނު ނުވަންނާނެހާ ބާރަށް މީގެ މަތިޖަހައި ބަންދުކުރެވެއެވެ. ލައްޕާފައި އަޅުވަން ހުންނަ ތަންޑަކީ ވެސް އެކަކަށް އުނދަގުލަކާ ނުލައި އެއް އަތުން އަޅުވާލެވޭނެ ތަންޑެކެވެ. ފޮށީގެ ބޭރުގައި ވަކިން ޒިބު ދަމާ ޖީބެއް ހުރެއެވެ. މި ޖީބު ބަންދުކުރާ ޒިބަކީ ފެން ނޭޅޭ ގޮތަށް ކަހާލެވޭ ޒިބެކެވެ.

އޮޓަބޮކްސްއަކީ އެއް ދޮނުގައި އެތައް ބުޅިއެއް ޖަހާލެވޭ ގޮތަށް ހަދާފައިވާ ކޫލަރެކެވެ. ދަޅާއި ފުޅި ފިނިކޮށްފައި ބެހެއްޓުމުގެ އިތުރަށް ދަތުރުދާއިރު ގެންދާ ފެންބޯ ތަށްޓާއި ލުއި ކާނާ އަޅުވާލެވޭ ގޮތަށް ދަބަހުގެ އަރިއަރިމަތީގައި އެލުވާފައި ހުންނަ ތަންތަންކޮޅު ހުރެއެވެ. މީގެ މަތިގަނޑު ހިއްލާލާފައި އެއްޗިހި އަތުރާލެވުމަކީ ވެސް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.