ޚިލްޖީގެ ރޯލު ކުޅެން ރަންވީރު 21 ދުވަސް ވަންދެން ކޮޓަރީގައި އޮތް
ޚިލްޖީގެ ރޯލު ކުޅެން ރަންވީރު 21 ދުވަސް ވަންދެން ކޮޓަރީގައި އޮތް

ރަންވީރު ސިންގުގެ ކޮންމެ ފިލްމަކާ އެކު އޭނާ ކުޅެފައިވާ ރޯލަށް ތައުރީފު އޮހެ އެވެ. އޭނާގެ އެންމެ ފަހު ފިލްމު "ޕަދްމާވަތު" ރިލީޒްވުމުން ވެސް އެންމެ ގިނަ ބަޔަކު ތައުރީފު ކުރަމުން އަންނަނީ ރަންވީރު ކުޅުނު އަލާއުއްދީން ޚިލްޖީގެ ރޯލަށެވެ. ނަމަވެސް މި ރޯލު އޭނާ އެހާ ފުރިހަމައަށް ކުޅެފައިވަނީ ވަރަށް ބުރަ މަަސައްކަތުންނެވެ.

މި ރޯލަށް ތައްޔާރުވާން 21 ދުވަސް ވަންދެން ކޮޓަރިއެއްގައި ތަޅުލެވިގެން އޭނާ އުޅުނެވެ.

"ޚިލްޖީގެ ރޯލަށް ރަނގަޅަށް ތައްޔާރުވުމުގެ ގޮތުން އަހަރެން މުޅިން އަނދިރި ތަނެއްގައި ބަންދުވިން. ގުރުގައޮންގައި ހުންނަ އަހަރެންގެ ގޭގައި 21 ދުވަސްވަންދެން ހުރިން،" އިންޑިއަން އެކްސްޕްރެސްއާ ވާހަަކަ ދައްކަމުން ރަންވީރު ބުންޏެވެ.

ރަންވީރު ބުނި ގޮތުގައި އޭނާއަށް އެގޮތަށް ކަންތައް ކުރަނީ އެ ކެރެކްޓާ އެއްގޮތަކަށް ވެސް އޭނާގެ ބޮލަށް ނުވަދެގެންނެވެ. އެހާ ނުލަފާ މީހެއްގެ އަނދިރި ދުނިޔޭގެ ތަޖުރިބާއަކީ އޭނާއަށް ކުރަން އެހާ ފަސޭހަ ކަމަކަށް ނުވި ކަމަށް ވެސް ރަންވީރު ބުންޏެވެ. އޭނާގެ ކެރެކްޓާގެ މޮޅުކަމުގެ ހުރިހާ ވެސް ތައުރީފެއް ކުރަން ޖެހޭނީ ބާންސާލީ އަށް ކަމަށް ރަންވީރު ދެކެ އެވެ.

"އަހަރެން ކުޅުނު އެ ކެރެކްޓާ އުފެއްދި މީހަކީ ހަގީގަތުގައި އޭނާ. ހުރިހާ ވެސް ކްރެޑިޓެއް ދޭން ޖެހެނީ ބާންސާލީ އަށް. ޚިލްޖީގެ ކެރެކްޓާއަށް އޭނާ ހަދަން ބޭނުންވަނީ ކިހިނެއްކަން އެނގުމުން އެ ރޯލު ކުޅުމަށް ފަސޭހަވި،" ރަންވީރު ބުންޏެވެ.

ރަންވީރު ބުނި ގޮތުގައި އޭނާގެ ޒާތީ ދިރިއުޅުމުގައި ވެސް ވަރަށް ހިތްދަތި ތަޖުރިބާތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް އެ ވާހަކަތަކުގެ ތަފްސީލު ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެެހެންވެ ޚިލްޖީ ކަހަލަ ކެރެކްޓާއެއް ކުޅުމަށްޓަކައި އޭނާއަށް ޖެހުނީ އޭނާގެ އަނދިރި މާޒީ އަށް އެނބުރި ދާން ކަމަށާއި އެއީ އުނދަގޫވި ކަމެއް ކަމަށް ވެސް ރަންވީރު ބުންޏެވެ.

"ޕަދްމާވަތު" އިން ރަންވީރަށް މިހާރު ވަނީ ފުރަތަމަ އެވޯޑު ލިބިފަ އެވެ. އެއީ އޭނާގެ އައިޑަލް އަމީތާބު ބައްޗަން އޭނާއަށް ތައުރީފުކޮށް ލިޔެފައިވާ ނޯޓަކާއި އަމީތާބު ފޮނުވި މާބޮނޑިއެކެވެ.

ރަންވީރު ބުނީ އޭނާ އަކީ ހިންދީ ފިލްމުގެ ފޭނެއް ކަމަށާއި ހިންދީ ފިލްމުތަކަށް ލޯބިކުރާ މީހުންނަކީ އަމީތާބު ބައްޗަންގެ ފޭނުންނަށް އޮޓަމެޓިކުން ވާނެ ކަމަށެވެ. އެހެންވެ އޭނާއަކީ ވެސް އަމީތާބުގެ ފޭނެއް ކަމަށާއި އަމީތާބު އޭނާގެ ރޯލަށް ތައުރީފުކޮށް ފޮނުވި ނޯޓާއި މާބޮނޑި ލިބުމުން އޭނާ ބޭނުންވާ އެވޯޑު ލިބިއްޖެ ކަމަށް ބުންޏެވެ.