30 ޖެނުއަރީ 2018 - 10:09

ހަޑްސްފީލްޑް، އިންގްލެންޑް (ޖެނުއަރީ 30) - މި ވަގުތު ލިވަޕޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ގަންނަން ނުޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައި ސްވަންސީ ސިޓީ އަތްދަށުވެ ލިވަޕޫލުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ވަނީ 18 މެޗަށް ފަހު ނިމުމެއް އައިސްފަ އެވެ. އަދި މިިދިޔަ ހޮނިހިރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމް އަތުން ބަލިވެ ލިވަޕޫލް ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.
ލީގުގެ ހަތަރު ވަނައިގައި ލިވަޕޫލް މި ވަގުތު އޮތްއިރު މިރޭ ރަށުން ބޭރުގައި އެ ޓީމުން ނުކުންނާނީ ހަޑްސްފީލްޑް ޓައުންއާ ދެކޮޅަށެވެ. ކްލޮޕް ބުނީ ހާސްވެގެން އާ ކުޅުންތެރިން ހޯދަން ނުޖެހޭ ކަމަށެވެ.
"ފިލިޕް ކުޓީނިއޯގެ ބަދަލުގައި މި ފަހަރު ޓްރާންސްފާ މާކެޓްގައި ކުޅުންތެރިއަކު ގެނައުމެއް ނޫން ހައްލަކީ. ނޫނީ އެހެެން ކުޅުންތެރިންތަކެއް ގެނައުމެއް ވެސް ނޫން. މި ވަގުތު ބޭނުންވަނީ ހުރި ކުޅުންތެރިން ލައިގެން ހާސްނުވެ ކުރިން އޮތް ފޯމަށް ދިއުން،" ކްލޮޕް ބުންޏެވެ.
ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ޖެހިޖެހިގެން ދެ މެޗުން ބަލިވެފައިނުވެ އެވެ. އަދި އެންމެ ފަހުން ލީގުގައި ލިވަޕޫލް ޖެހިޖެހިގެން ދެ މެޗުން ބަލިވީ 2015 ވަނަ އަހަރެވެ.
"އަހަރެމެން މެންޗެސްޓާ ސިޓީއާ އެކު ކުޅުނު މެޗު ގިނަ ބަޔެއްގެ ހަނދާނުގައި ނެތް. އެއީ ސްވަންސީ އާއި ވެސްޓް ބްރޮމް އަތުން ބަލިވީމާ. އެކަމަކު އަހަރެންނަށް ޔަގީންކަން އެބައޮތް. އަދިވެސް މި ޓީމު ކުރީގެ މޮޅު ކުޅުން ދައްކާނެ،" ކްލޮޕް ބުންޏެވެ.
ލިވަޕޫލުން ވަނީ އެ ޓީމަށް ކުޅޭ އިނގިރޭސި ފޯވާޑް ޑެނިއަލް ސްޓަރިޖް ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ނިޔަލަށް ވެސްޓް ބްރޮމް އަށް ދޫކޮށްލައިފަ އެވެ. އިންޓަ މިލާނާއި ސެވިއްޔާގެ ހުށަހެޅުންތަކެއް ނޫނެކޭ ބުނެ ސްޓަރިޖް ވެސްޓް ބްރޮމް އަަށް ބަދަލުވީ އިންގްލެންޑުގައި ކުޅެން ބޭނުންވާތީ އާއި އާއިލާގެ އެދުމުގެ މަތިން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ލިވަޕޫލާއި ހަޑްސްފީލްޑް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.