29 ޖެނުއަރީ 2018 - 19:01

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި މާދަމާރޭ ބަންގްލަދޭޝްގެ ސައިފް ސްޕޯޓިންއާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބުން ނުކުންނާނީ މޮޅަކަށް ކަމަށާއި ޕްރެޝަރު އޮތީ ސައިފް އަށް ކަމަށް ޓީސީން ބުނެފި އެވެ.

ބަންގްލަދޭޝްގައި މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން ޓީސީ މޮޅުވީ 1-0 އިންނެވެ. މާދަމާރޭ މާލޭގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް ޓީސީ އަށް ޕްލޭއޮފް ބުރުގެ ޖާގައެއް ހޯދޭނެ އެވެ. ޕްލޭއޮފް ބުރުގެ ޖާގައެއް ޓީސީ އަށް ލިބިއްޖެ ނަމަ އެ ޓީމު ކުޅޭނީ ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑާއި އިންޑިއާގެ ބެންގަލޫރާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސައިފްގެ ކޯޗު އިންގްލެންޑްގެ ރިޔާން ނޯތުމޯ ބުނީ ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"ވަރަށް ދަށް ނަތީޖާއެއް އަމިއްލަ ދަނޑުގައި ނުކުތީ. އެކަމަކު ކުޅުން ގޯހެއް ނޫން. އެއީ ކުޅުންތެރިންގެ ފަރާތުން ފެނުނު ޕޮޒިޓިވް ކަމެއް. އަހަރެމެންނަށް އޮތް ބުރަ ބޮޑީ. ފުރަތަމަ މެޗުން އިބުރަތް ލިބިގަނެ މި މެޗުން މޮޅުވާން ޖެހޭ. ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުން އެންމެ މުހިއްމީ. އަދި އެއްވެސް ޓީމަކަށް ޔަގީނެއް ނޫން އަހަރެމެންނަށް ވެސް އަދި 90 މިނިޓް އެބައޮތް،" އިނގިރޭސި ދަށް ޑިވިޝަންތަކުގެ ޓީމުތަކަށް ކުރިން ކޯޗުކޮށްދިން ނޯތުމޯ ބުންޏެވެ.
އޭނާ ބުނީ ބަންގްލަދޭޝާ އަޅާކިޔާއިރު ރާއްޖޭގެ ފުޓްބޯޅަ އޮތީ މާ ކުރީގައި ކަމަށާއި އޭއެފްސީ ކަޕަށް ވެސް ރާއްޖޭގެ އޮތީ ރަނގަޅު ދެ ޓީމު ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ރަނގަޅު ތަޖުރިބާތަކެއް ލިބިފައި ތިބި ކުޅުންތެރިން ކަމަށެވެ.
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު 5-0 އިން ބަންގްލަދޭޝް އަތުން 2016 ވަަނަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގައި މޮޅުވި މެޗުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ. ސައިފްގެ ކޯޗު ނޯތުމޯ ބުނީ ބަންގްލަދޭޝްގެ ގިނަ ބަޔަކު މާދަމާރޭގެ މެޗު ބަލަންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
"ބަންގްލަދޭޝްގެ ވަރަށް ބޮޑު އާބާދީއެއް މިތަނުގައި އެބައޮތް. މިއީ އަވޭ ގޭމެއް ނަމަވެސް އެ ހުރިހާ މީހުން އައިސްފިއްޔާ އެއީ ވެސް ސައިފް އަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވާނެ. އެމީހުން އަޔަސް އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން. އެއީ އަހަރެމެން މި އޮތީ 1-0 އިން ފަހަތުގައި. އަހަރެމެންނަކީ ފޭވަރިޓުންނެއް ނޫން އަދި އަންޑަޑޯގުން ވެސް ނޫން. ކުޅުންތެރިންނަށް ބުނެދޭ ގޮތަށް ހަދައިފިއްޔާ ނަތީޖާ ނެރެވޭނެ،" ނޯތުމޯ ބުންޏެވެ.
އޭއެފްސީ ކަޕާ ދިމާކޮށް ސައިފް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޗިޓަގޮން އަަބަހާނީ އަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ލޯން އުސޫލުން ވަނީ ސައިފަށް ގެނެސްފަ އެވެ. ނޯތުމޯ ބުނީ އެކި ޓީމުތަކުން ކުޅުންތެރިން ގެނެސްގެން ޓީމު އެކުލަވާލަން ލިބުނީ ނިސްބަތުން މަދު ވަގުތުކޮޅެއް ކަމަށެވެ.
"ވަރަށް އުނދަގޫތަކެއް ކުރިމަތިވޭ. އަށް ހަފްތާގެ ޕްރީ ސީޒަނެއް ނެތި. އާ ކުޅުންތެރިންތަކެއްލައިގެން ކުރު މުއްދަތެއްގެ ތެރޭގައި ޓީމެއް އެކުލަވާލުމަކީ ފަސޭހަކަމެއް ނޫން. އެއީ ވެސް ޗެލެންޖެއް. އެ ހުރިހާ ކަމަކަށް ވިސްނައިގެން އަހަރެން ޕްލޭނެއް ހަދަން މި ޖެހެނީ. ވަކި ގޮތްތަކެއް ހަދައިގެން ބުނެދޭނެހާ ވަގުތެއް ނެތި މި ޖެހެނީ މި ކުޅުންތެރިން ލައިގެން ވިނިން ފޯމިއުލާއެއް ނެރެން،" އޭނާ ބުންޏެވެ.
އޭއެފްސީ ކަޕުގައި ނަތީޖާ ނެރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިންނަކީ ކްލަބްތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންނެވެ. ސައިފުން ގެނައި ބިދޭސީ ކުޅުންތެރިންނަކީ ނައިޖީރިއާގެ ކިންގްސްލީ ޗިގޯޒީ އާއި ކޮލަމްބިއާގެ ޑެއިނޭ ކޯޑޯބާ އާއި އުޒްބެކިސްތާންގެ މިޑްފީލްޑަރު އަރޯ އުމަރްޔޯނޯވްގެ އިތުރުން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމްގެ ދަރި ޗާލީ ޝެރިންހަމް އެވެ.
"ބިދޭސީ ކުޅުންތެރިންނަކީ ވަރަށް މުހިއްމު ބައެއް. މި ދެ ޓީމުގެ ތަފާތަކީ ވެސް ޓީސީގެ ބިދޭސީ ކުޅުންތެރިޔަކު ޖެހި ގޯލެއް. ކާމިޔާބު ހޯދަންޏާ އެބަޖެހޭ ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް ތިބެން. ޓީސީގައި ތިބީ ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއް. އުއްމީދަކީ ޓީސީގެ ތިބި ބިދޭސީ ކުޅުންތެރިން ދެއްކި ތަފާތު މި މެޗުގައި ސައިފްގެ ބިދޭސީ ކުޅުންތެރިން ދެއްކުން. އެކަމަކު ކާމިޔާބު ލިބޭނީ ހަމައެކަނި ބިދޭސީ ކުޅުންތެރިން ކުރާ ހިތްވަރަކުންނެއް ނޫން. ލޯކަލް ކުޅުންތެރިން ވެސް ތަފާތު ދެއްކުން މުހިއްމު،" ނޯތުމޯ ބުންޏެވެ.
ސައިފްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ ކުރިން މެޗުގައި ހެދުނު ގޯސްތައް މި މެޗުގައި ރަނގަޅުކޮށްފިނަމަ ކާމިޔާބު ހޯދޭނެ ކަމަށެވެ.
"ވަރަށް ގިނަ ފުރުސަތު ލިބިފައި ފުރަތަމަ މެޗުން ބަލިވީ. ހަތަރެއް ނޫނީ ފަސް ވަރަކަށް ފަހަރު ދަނޑީގައި ޖެހުނު. އަހަރެމެން އެ މެޗުގެ ދެ ވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނިން. މިހާރު ބޭނުމީ އެ މެޗުގައި ދެއްކި ކުޅުން އަލުން ތަކުރާރުކުރަން އުއްމީދަކީ ގިނަ ބަންގްލަދޭޝް މީހުން އައިސް ދަނޑުފުރާލައި އަހަރެމެންނަށް ސަޕޯޓްކުރުން. އެއީ ކާމިޔާބު ހޯދަން ލިބޭނެ ހިތްވަރެއް،" ބުޔާން ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަތުގައި އޭ ލައިސަންސް ނެތުމުން އޭއެފްސީ ކަޕްގައި ޓީސީގެ ހެޑް ކޯޗެއްގެ ގޮތުގައި ޖަހާފައިވަނީ އިބްރާހީމް ހަލީމް (ޖަޑާ)ގެ ނަމެވެ. ޖަޑާ ބުނީ ފުރަތަމަ މެޗަށް ބަލާފައި ޓީސީން މި މެޗަށް ނުކުންނާނީ މޮޅަކަށް އަމާޒުކޮށްގެން ކަމަށެވެ.
"އަވޭ މެޗުގައި ބަންގްލަދޭޝް ޓީމުން ކުޅެފައި އިން ސްޓްރޯންގާއި ވީކް އެއްޗެއްސަށް ބަލާފައި އަހަރެމެން މި ކޮޅުގައި ޕްރެކްޓިސްކުރީ. ޓެކްނިކަލީ ހުރިހާ ތައްޔާރީއެއްވެފައި މިހާރު އޮތީ. ޓީސީ އަބަދުވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް. މި މެޗަށް ވެސް ޓީސީ މި ނުކުންނަނީ މޮޅުވާން،" އޭނާ ބުންޏެވެ.
ޖަޑާ ބުނީ ޕްރެޝަރު އޮތީ ސައިފަށް ކަމަށާއި ސަޕޯޓަރުން ގިނައިން ވަން ނަމަވެސް ޓީސީން އެކަމާ ނުވިސްނާ ކަމަށެވެ.
"ބަންގްލަދޭޝް (ސައިފް) އެ ނުކުންނަނީ ޕްރެޝަރެއްގައި. ބަންގްލަދޭޝް މީހުން ކިތަންމެ ގިނަޔަސް އަޅުގަނޑުމެން ބަލާނީ ކުޅޭ މެޗުން މޮޅެވެވޭތޯ. އިރާދަކުރެއްވިއްޔާ މޮޅުވެވޭނެ،" އޭނާ ބުންޏެވެ.
ފުރަތަމަ ލެގުގައި ސައިފް އަތުން ޓީސީ މޮޅުކޮށްދިން ލަނޑު ޖެހީ އެ ޓީމަށް ކުޅޭ ކިރްގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވަލްޝިޗޭވް އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޓިސީގެ ބެލަރޫސް ގޯލްކީޕަރު ޑިމިޓްރީ އަސްނިންގެ އަތަށް ލިބުނު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުމުން ދެ ވަނަ ހާފުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ބަދަލުކީޕަރު އިބްރާހިމް ނަދީމް އެވެ.
"ބަންގްލަދޭޝްގައި ކުޅުނު މެޗުގައި ޓީސީގެ މެދުތެރެއަށް ގެނައި ފޮރިން ޕްލޭޔަރު (ވަލްޝިޗޭވް) ވަރަށް ރަނގަޅަށް ކުޅުނު. ދެން އެންމެ ބޮޑު މައްސަލަ އަކީ ފޮރިން ގޯލްކީޕަރު (ޑިމިޓްރީ އަސްނިން) އިންޖަރީވީމަ. އަވޭ މެޗުގައި ކުޅުނު ކީޕަރު (ނަދީމް) މާދަމާ ވެސް ކުޅޭނީ. އޭނަ އެ މެޗުގައި ވެސް ވަރަށް ރަނގަޅަށް ކުޅުނު. އޭނަ ވަރަށް ކޮންފިޑެންސާ އެކީ އެހުރީ،" ޖަޑާ ބުންޏެވެ.
ތަޖުރިބާކާރު ކީޕަރު އިފްރާހް އަރީފް ޓީސީއާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންދާއިރު، އިމަޖެންސީ ޓްރާންސްފާއެއްގެ ގޮތުގައި އޭނާގެ ނަން ޓީމު ލިސްޓުގައި ޖެހުމަށް ޓީސީން އަންނަނީ މަސައްކަތްކުރަމުންނެވެ.
ޓީސީގެ ކެޕްޓަން އަހުމަދު ފައްރާހު ބުނީ އެ ޓީމު ކުރިއަށްދަނީ އާއިލާއެއްގެ ގޮތުގައި ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވާން ބޭނުންވާ ކަމަށެވެ.
ޓީސީ އާއި ސައިފް ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.