13 ޖުލައި 2016 - 14:20

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕީޕީއެމުން ވަކި ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް އެ ޕާޓީގެ ސުލޫކީ ކޮމެޓީ އަށް މިއަދު އަންގަވައިފި އެވެ.

އަލީމް މިގޮތަށް އެންގެވީ ފާރިސް ވަކި ކޮށްފައިވާ ކަމަށާއި އެ ނިންމުން ތަންފީޒު ކޮށްދިނުމަށް އެދި ސުލޫކީ ކޮމެޓީން ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
އޭނާ ވިދާޅުވީ މެމްބަރެއްގެ ސުލޫކީ މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ ޕާޓީ އޮފީހަށް އެކަން ހުށަހަޅަން ޖެހޭނީ ގަވާއިދުގައިވާ ގޮތުން ފޯމަކުން ކަމަށެވެ. އެކަމަކު ފާރިސްގެ އެއްވެސް މައްސަލައެއް ފޯމަކުން ޕާޓީ އޮފީހަށް ހުށަހަޅާފައި ނުވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އަލީމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފާރިސްގެ މައްސަލަ ސުލޫކީ ކޮމެޓީ އަށް ހުށަހެޅީ ސިޓީއަކުން ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ޕީޖީ ގްރޫޕުން ވިޔަސް ސުލޫކީ މައްސަލަ ޕާޓީ އޮފީހަށް ހުށަހަޅަން ޖެހޭނީ ފޯމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މަނިކުފާނު [ކޮމެޓީގެ މުގައްރިރު އަލީ ވަހީދު] ސިޓީގައި ވިދާޅުވެފައިވާ ގޮތުން ނަމަ ތިޔަ ކޮމެޓީން ކައުންސިލް މެމްބަރު އަހްމަދު ފާރިސް މައުމޫންގެ ސުލޫކީ މައްސަލަ ބެއްލެވީ ކޮމެޓީ މެމްބަރަކު އަނގަބަހުން ހުށަހަޅުއްވައިގެންނެވެ. ތިޔަ ކޮމެޓީން މި މައްސަލަ ބެއްލެވި ކަމަށް ވިދާޅުވެފައިވާ ނަމަވެސް ކޮމެޓީގެ މި ބައްދަލުވުމާ ބެހޭ އެއްވެސް ރަސްމީ ލިއުމެއް މި އޮފީހަށް ލިބިފައި ނުވާ ވާހަކަ ދަންނަވަމެވެ،" ސިޓީގައިވެ އެވެ.
ފާރިސް ވަކިކުރަން ނިންމި ނިންމުން ތަންފީޒު ނުކުރެވޭނީ، އަލީމް ވިދާޅުވި ގޮތުގައި، ސުލޫކީ ކޮމެޓީގެ ލިއުންތައް ވެސް ލިބިފައި ނުވާތީ އެވެ. ސިޓީ ނިންމާލެއްވީ، ފާރިސް ވަކި ކުރަން ނިންމި ބައްދަލުވުމާ ގުޅޭ ލިޔެކިޔުންތައް ފޮނުވައިދެއްވަން އެދިވަޑައިގަންނަވަމުންނެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ ހިންގުން ހަރުދަނާ ކުރަން އިސްލާހީ އެޖެންޑާއެއް މައުމޫން އެކުލަވާލައްވާފައިވާ އިރު ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެ މަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.