30 ޖެނުއަރީ 2018 - 14:59

ކަޅުތުއްކަލާ ކޮށީގެ ހުޅަނގުން އޮންނަ އިއްޒުއްދީން މަގު ތާރު އަޅައިގެން ހަދަން ފެށިތާ އެތައް މަހެއް ވީއިރު ވެސް މަސައްކަތް ނުނިމި ދިގުލައި، އެތައް ބަޔަކަށް އޭގެ އުނދަގޫވާން ފަށައިފި އެވެ.

ބޮޑުތަކުރުފާނު މަގުން އަމީނީ މަގަށް ނުކުމެވޭ ގޮތަށް ކުރިން ބޭނުންކުރަމުން އައި މަގު ހަދަން ފެށީ ކުރިއަށް ވުރެ ފުޅާކޮށް، ބޮޑެތި ބަލުތަކެއް ވެސް ގެނެސްގެންނެވެ. މިއީ މާލޭގެ ހުޅަނގު ކޮޅުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުން މެރީބްރައުންއާ ހަމައަށް ތާރު އަޅައިގެން ހަދާފައިވާ ބޮޑުތަކުރުފާނު މަގަށް ފަހު މާލޭގައި ތާރު އަޅާ ފުރަތަމަ މަގެވެ.

އިއްޒުއްދީން މަގުގެ މަސައްކަތް ހުއްޓިފައި އޮތް އިރު، ވަކި ސަރަހައްދެއް ވަނީ އެއްވަރުކޮށް، އަދި ބޭނުންވާ ބައެއް ފަށަލަތައް ވެސް ފުރިހަމަކޮށްފަ އެވެ. އެކަމަކު މަގުގެ އެންމެ ފަހު ތާރުގަނޑު އަޅާކަށް އަދި ނުފަށަ އެވެ.
މާލޭގެ ބޮޑު މަގެއްގެ މަސައްކަތް މިހާ ލަހުން ދަނީ ކީއްވެގެން ކަމެއް އަދި މަސައްކަތް ހުއްޓިފައި އޮތީ ކޮން ސަބަބަކާ ހުރެ ކަމެއް ވެސް ހައުސިން މިނިސްޓްރީއަކުން ނުބުނެ އެވެ. ތަކުރާރުކޮށް ގުޅުމުން ވެސް އެ މިނިސްޓްރީގެ މީޑިއާ ބައިން އެއްވެސް މައުލޫމާތެއް ނުދެ އެވެ.
އެ މަގުގައި ހުންނަ އެސްޓީއޯ ކާޑު ގުދަންތަކުން ފެށިގެން ހައުސިން މިނިސްޓްރީއާ ދެމެދު އޮތް ބައިގައި ގާތައް ނަގައި، ހޮޅިތަކެއް ވަނީ ވަޅުލައިފަ އެވެ. އެ ސަރަހައްދުގައި ވެސް އިތުރު މަސައްކަތެއް މިވަގުތު ކުރިއަކަށް ނުދެ އެވެ.
އިއްޒުއްދީން މަގަކީ އެސްޓީއޯ ގުދަންތަކަށް ކާޑު އުފުލުމަށާއި އާންމުންނާއި ވިޔަފާރިވެރިންގެ ގިނަ ދަތުރުތަކަކަށް ބޭނުންކުރާ މަގެކެވެ.
މާލޭގެ ބޮޑެތި މަގުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން 2016 ގައި އިއުލާންކުރި އެވެ. އެގޮތުން މަޖީދީމަގު މަރާމާތުކޮށް މިހާރު ވަނީ ނިންމާލައިފަ އެވެ. އަދި އެ މަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ވިލެޖު ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގައި ވެސް ތާރު އަޅާފައިވެ އެވެ. އެކަމަކު އެ މަގުގެ ބައެއް ތަންތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.