29 ޖެނުއަރީ 2018 - 13:37

ގާހިރާ (ޖެނުއަރީ 29) - މާޗް މަހު މިސްރުގައި އޮންނަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރަން އެ ގައުމުގެ ސިޔާސީ އިސް ބައެއް ފަރާތްތަކުން ގޮވާލައިފި އެވެ.
އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލި ފަރާތްތަކުގެ ތެރޭގައި އިންތިޚާބުގައި ވާދަކުރަން އިއުލާން ކުރުމަށް ފަހު މަޖްބޫރުކޮށްގެން ނަން ނެގުވި ދެ ފަރާތް ވެސް ހިމެނެ އެވެ. އެކިއެކި ބިރުތައް ދައްކައިގެން ހުރިހާ ކެންޑިޑޭޓުންގެ ނަން ނެގުމުން މާޗް 26-28 ގައި ބާއްވާ އިންތިޚާބުގައި ވާދަކުރަން ދެން ހުންނަވާނީ މިހާރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އެވެ. އެކަމަކު ނޭޝަނަލް އިލެކްޝަން އޮތޯރިޓީން ވަނީ ހޯމަ ދުވަހުގެ ނިޔަލަށް ކެންޑިޑޭސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.
އިންތިޚާބުގައި ވާދަކުރަން ނިންމި ބައެއް ކެންޑިޑޭޓުން ވަނީ ޖަލަށްލައިފަ އެވެ. އަނެއް ބައި ކެންޑިޑޭޓުންނަށް ބިރު ދެއްކުމުން ވަނީ ކެމްޕޭން ހުއްޓާލުމަށް ފަހު އިންތިޚާބުގައި ވާދަނުކުރަން ނިންމައިފަ އެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުދިން ފަރާތްތަކުގެ ތެރޭގައި ކުރީގެ ބޮޑު ވަޒީރު އަހުމަދު ޝަފީގް އާއި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ސާމީ އަނާން އާއި ކުރީގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާ ހިޝާމް ގަނައިނާ އާއި ގާހިރާ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައެންސް ޕްރޮފެސަރު ހާޒިމް ހުސްނީ ހިމެނެ އެވެ. މީގެ ތެރޭން އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލާފައި ވަނީ ހިޝާމް އާއި ހާޒިމް އެވެ.
އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލި އިތުރު ފަރާތްތަކުގެ ތެރޭގައި 2012 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި މުހައްމަދު އަންވަރު ސާދާތު އާއި އަބްދުލް މުނީމް އަބުލް ފަތޫހު ވެސް ހިމެނެ އެވެ.