ރުޅި މައިތިރިކުރަން ދާނެ ޕާކެއް ޑާކާގައި ހަދަނީ
ރުޅި މައިތިރިކުރަން ދާނެ ޕާކެއް ޑާކާގައި ހަދަނީ

"އެންގާ މެނޭޖްމަންޓް ޕާކް" ނުވަތަ ރުޅިމައިތިރިކުރަން ދާނެ ޕާކެއް ބަންގަލަދޭޝްގެ ޑާކާގައި ހަދަން ފަށައިފި އެވެ. މިދިޔަ އާދިއްތަ ދުވަހު ބިންގާ އެޅި ޕާކަކީ ޑާކާގައި ދިރިއުޅޭ 15 މިލިއަން މީހުންނަށް ކޮންމެ ދުވަހަކު ދިމާވާ އެކި ކަހަލަ ސްޓްރެސް ފިލުވާލަން ޒިޔާރަތްކުރަން ރަނގަޅުތަނަކަށް ވާނެ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވި އެވެ.

ޓްރެފިކާއި ބަރުގޮނު އެޅުމާއި ހިރަފުހާއި ވިއްސާރަ މޫސުމުގައި ދިމާވާ އެކި މައްސަލަތައް އަދި މަގުމަތީގައި ކުރާ އެކި ކަހަލަ ކުށްތަކުގެ ޝަކުވާތައް ކޮންމެ ދުވަހަކު ވެސް ލިބޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ޑާކާގެ މޭޔަރު ސައީދު ކޮކޮން ވިދާޅުވީ މި ބޮޑު ސިޓީގެ ދެކުނުގައި 38 އޭކަރުގެ މި ޕާކް ހެދުމަށް ހަތް މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށެވެ. މި ޕާކަކީ ސަރުކާރުގެ މައި އޮފީސްތަކާ ކައިރީގައި ހަދާ ތަނަކަށް ވާތީ ގިނަ ބަޔެއްގެ ސްޓްރެސް މިތަނުން ފިލުވާލެވޭނެކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މި ޕާކް 12-14 މަސް ތެރޭގައި ނިމޭނެ އެވެ. އެތަނުގައި ކޯރަކާއި ސްނެކްސް ކޯނަރެއް އަދި ހިތްހަމަޖެހޭ ކަހަލަ މަޑު މިއުޒިކާއި ބޮޑެތި ޓެލެވިޒަން ސްކްރީންތައް ބަހައްޓާފައި ހުންނާނެ އެވެ.

މިއީ ބަންގްލަދޭޝްގައި ވަރަށް ކުރިން ވެސް ގެންގުޅުނު އާދަކާދަތަކަކަށް ބިނާކޮށް ހަދާ ތަނެކެވެ. ކުރީ ޒަމާނުގައި އެ ގައުމުގެ އަވަށްތަކުގައި ފެންކޯރުތަކާ ކައިރީގައި "އެންގާ ހަޓް" ކިޔާ ކުދިކުދި ޖިފުޓި ހަދާފައި ހުރެ އެވެ. މީހުން އައުމުން އެ ރުޅި މައިތިރިކުރަން މި ހަޓްތަކަށް ގޮސް އުޅޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"މިކަންތައްތައް ހަނދާނުން ފޮހެވިފައިވާތާ ކިތަންމެ ދުވަހެއް. ސިޓީގައި ދިރިއުޅުމަކީ ވެސް ސްޓްރެސްވާ ކަމެއް. އެހެންވެ ސިޓީތަކުގައި ދިރިއުޅޭ މީހުން ހިތްނުތަނަވަސްވެގެން އުޅެނީ،" މޭޔަރު އޭއެފްޕީ އަށް ވިދާޅުވި އެވެ.

ޑާކާ އަކީ ވެސް ތަރައްގީއާއެކު ގަސްތައް ކަނޑައި ބޮޑެތި ކޮންކްރީޓް އިމާރާތްތައް އުސްކޮށް ހަދަމުންދާ ސިޓީ އެކެވެ. އަދި އިންޑިއާގެ ނިއު ދިއްލީ ފިޔަވައި ދުނިޔޭގެ އެންމެ ތަޣައްޔަރު މާހައުލެއް އޮތް އެއް ސިޓީ އަކީ ވެސް ޑާކާ އެވެ.

ރުޅި މައިތިރިކުރާ ޕާކް ހަދާތީ ސޯޝަލް މީޑިއާ ވަނީ ޚިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އެއްބަޔަކު މިއީ ވަރަށް ރަނގަޅު ކަމެއް ކަމަށް ބުނެ މިކަމަށް ތާއީދުކުރާއިރު އަނެއް ބަޔަކު ބުނަނީ މިއީ ފައިސާ ބޭކާރުކުރުން ކަމަށެވެ.

ފާޑުކިޔާ މީހުން ބުނަނީ އަލަށް ހަދާ މި ޕާކަކީ ވެސް ޑާކާގައި މިހާރު ހުރި ޕާކްތައް ފަދައިން އެކިއެކި ޖަރީމާތައް ހިންގާ މީހުން ޖަމާވެ ވަގުތު ހޭދަކުރާ ތަނަކަށް ވާނެ ކަމަށެވެ.