29 ޖެނުއަރީ 2018 - 12:52

އަދަން (ޖެނުއަރީ 29) - ޔަމަނުގެ ދެކުނުގައި އާ ބަޣާވާތެއް ފަށާފައިވާ ކަމަށް ބޮޑު ވަޒީރު އަހުމަދު ބިން ދާގިރު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ބަނދަރު މަތީ ސިޓީ ކަމަށްވާ އަދަނުގެ ވަރަށް ގިނަ އޮފީސްތައް މިހާރު ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. ބޮޑު ވަޒީރު ވިދާޅުވީ އެ ބަޣާވާތުގެ ފަހަތުގައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް ކަމަށެވެ. އަދި މިއީ ވެރިރަށް ސަންއާގައި ހޫތީ ހަނގުރާމަވެރިން ހިންގާވަރުގެ ޖަރީމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމަނުޖެހުންތައް ފެށިފައި ވަނީ ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަވެރިންގެ ބަޔަކު އަދަނަށް ވަނުމަށް އިއްޔެ މަސައްކަތް ކުރަމުން ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސިފައިން އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުންނެވެ. މި ހަމަނުޖެހުންތަކުގައި 10 މީހުން މަރުވެ 30 މީހުން ޒަޚަމްވެފައިވާ ކަމަށްވެ އެވެ.
ސަދަން ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އިން ވަނީ ބޮޑު ވަޒީރާއި ކެބިނެޓް މަގާމުން ދުރުކުރަން ހާދީގެ ސަރުކާރަށް ހަފުތާއެއްގެ މުހުލަތު ދީފަ އެވެ. ނޫން ނަމަ ސަރުކާރު ވައްޓާލާނެ ކަމަށް ވަނީ ބުނެފަ އެވެ. އެސްޓީސީން ދިން މުހުލަތު ހަމަވީ އިއްޔެ އެވެ. އަދި ހާދީގެ ސަރުކާރުން ވަނީ ކެބިނެޓް އިސްތިއުފާ ދޭން ދެކޮޅު ހަދައިފަ އެވެ.
އެސްޓީސީގެ ލީޑަރު އައިދަރޫސް އަލް ޒުބައިދީގެ ސެކްރެޓަރީ ޒައިދު އަލް ޖަމާލް ބުނީ ހާދީގެ ސަރުކާރު ވެއްޓެންދެން އެ މީހުންގެ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
ސައުދީ އަރަބިއާގެ މަދަދު ލިބޭ އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރު އަދަނުގައި ގާއިމްކުރީ ހޫތީން ވެރިރަށް ސަންއާ ހިފުމުންނެވެ.