29 ޖެނުއަރީ 2018 - 12:18

ކާބުލް (ޖެނުއަރީ 29) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އަސްކަރީ އެކަޑަމީއަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިއަދު ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މިހާރު ވެސް ކުރިއަށްދާ ހަމަލާތަކުގައި އަފްޣާން ސިފައިންގެ ދެ މީހުން މަރުވެ 10 މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހަމަލާ ދިނުމުގައި ދަނީ ފަސް ހަނގުރާމަވެރިން ބައިވެރިވަމުންނެވެ. އޭގެ ތެރޭން ތިން މީހުން ވަނީ މަރާލައިފަ އެވެ.
ހަމަލާ ކުރިއަށްދާ ސަރަހައްދު ސިފައިން މިހާރު ވަނީ ބަންދުކޮށްފަ އެވެ. ރައީސްގެ ތަރުޖަމާނަކު ވިދާޅުވީ ހަނގުރާމަވެރިންނަށް ހަމަލާގައި އިތުރު ސްޓޭޖަކަށް ނުދެވުނު ކަމަށެވެ.
މި ހަމަލާދީފައި މި ވަނީ ކާބުލްގައި އެމްބިއުލެންސެއް ގޮއްވާލައިގެން ދިން ވަރުގަދަ ހަމަލާއެއްގައި 100 އަށް ވުރެ ގިނަ މީހުން މަރުވެފައި ވަނިކޮށެވެ. އޭގެ ކުރިން ވަނީ ކާބުލްގެ ހޮޓަލަކަށް ހަމަލާދީ 22 މީހުން މަރާލައިފަ އެވެ. އެ ހަމަލާ ދީފައި ވަނީ ތާލިބާނުންނެވެ. އަދި މިދިޔަ ހަފުތާގައި ވަނީ ޖަލާލްއާބާދުގައި ހުންނަ ސޭވް ދަ ޗިލްރަންގެ އޮފީހަށް އައިއެސް އިން ހަމަލާދީފަ އެވެ.