30 ޖެނުއަރީ 2018 - 06:36

"ބަހޫބަލީ 2"ގެ ބަތަލާ ތަމަންނާ ބާޓިއާގެ ގައިގައި ޖަހަން ބޫޓު ކިބައެއް އެއްލި މީހަކު ހައްޔަރު ކޮށްފި އެވެ.
އިންޑިއާގެ ހައިދަރުއާބާދުގައި ގަހަނާ ވިއްކާ ފިހާރައެއް ހުޅުވައިދިނުމަށް ތަމަންނާ އެތަނަށް ގޮސް ހުއްޓާ އޭނާގެ ގައިގައި ބޫޓުކިބައިން ޖަހަން އުޅުނީ 31 އަހަރުގެ ފިރިހެނެކެވެ.
އެއްލި ބޫޓުކިބައިން ތަމަންނާގެ ގަޔަކު ނުޖެހެ އެވެ. ފައިވާން ކިބައިން ޖެހުނީ އެ ފިހާރައިގެ މުވައްޒަފެއްގެ ގައިގަ އެވެ.
ފައިވާން ކިބަ އެއްލީ ދަރިވަރެއް ކަމަށާއި އޭނާ ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އެކަން ކުރީ ތަމަންނާ މިހާރު ކުޅޭ ރޯލުތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށްވެ އެވެ.
ތަމަންނާ އަކީ ސައުތު އިންޑިއާގައި ވަރަށް މަޝްހޫރު ބަތަލާ އެކެވެ. އަދި ވަރަށް ގިނަ ހިންދީ ފިލްމުތައް ވެސް އޭނާ ވަނީ ކުޅެފަ އެވެ.
ތަމަންނާ، 28، އެންމެ ފުރަތަމަ ވެސް ކުޅުނީ ބޮލީވުޑް ފިލްމެކެވެ. އުމުރުން އެންމެ 15 އަހަރުގައި އޭނާ ކުޅެފައިވާ ފުރަތަމަ ފިލްމަކީ "ޗާންދް ސަ ރޯޝަން ޗެހެރާ" އެވެ. އޭގެ ފަހުން ފުރަތަމަ އިންޑިއަން އައިޑޮލް އަބިޖީތު ސާވަންތުގެ "ލަފްޒޯންމޭ ކެހެނާ ސަކޫން" އާއި "އާޕްކާ އަބިޖީތު"ގެ ލަވަތައް ތަމަންނާ ކުޅެފައިވެ އެވެ. އަދި 2014 ގައި ނުކުތް "ހަމްޝަކަލްސް"ގައި ވެސް ތަމަންނާ ބައިވެރިވި އެވެ. އޭނާ މިހާތަނަށް ގިނައިން ކުޅެފައިވަނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކެވެ.