ދީޕިކާގެ ކައިވެންޏަށް ކެޓުރީނާއަށް ދައުވަތެއް ނުދޭނެ
ދީޕިކާގެ ކައިވެންޏަށް ކެޓުރީނާއަށް ދައުވަތެއް ނުދޭނެ

ބޮލީވުޑްގެ އެންމެ އުހުގައި މިހާރު ތިބި ބަތަލާއިންގެ ތެރޭގައި ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް ހިމެނޭއިރު މި ދެ ތަރިންގެ ފިނި ހަނގުރާމައިގެ ވާހަކަ ވެސް ވަރަށް މަޝްހޫރެވެ.

ދީޕިކާ އާއި ކެޓުރީނާގެ ކޯޅުން ފެށުނީ ދީޕިކާ އާއި ރަންބީރު ކަޕޫރު ރައްޓެހިވެގެން އުޅެފައި ކުއްލިއަކަށް ރުޅިވެ ކެޓުރީނާއާ ރަންބީރު ރައްޓެހިވި ހިސާބުންނެވެ. އޭގެ ފަހުން މި ދެ ބަތަލާއިން އެއް ފްރޭމަކުން ނުފެނެ އެވެ. އަދި ޕާޓީތަކާއި ހަފުލާތަކުން ވެސް އެކުގައި ފެނިފައެއް ނުވެ އެވެ.

ދާދިފަހުން ދީޕިކާ ބައިވެރިވި "ބީއެފްއެފް ވޯގް" ކިޔާ ޝޯއެއްގައި ޝޯގެ ހޯސްޓް ނެހާ ދޫޕިއާ ވަނީ ދީޕިކާއާ ސުވާލެއް ކޮށްފަ އެވެ. ދީޕިކާ އާ ނެހާ ކުރި ސުވާލަކީ އޭނާގެ ކައިވެންޏަށް ކެޓުރީނާ އާ ދައުވަތު ދޭނަންތޯ އެވެ. ދީޕިކާ ވަގުތުން ނޫނެކޭ ބުންޏެވެ.

ރަންބީރު ކޮސްމޯޕޮލިޓަން މަޖައްލާއަށް 2011 ގައި ދީފައިވާ އިންޓަވިއުއެއްގައި، ދީޕިކާއާ ރައްޓެހިވެގެން އުޅެމުން ކެޓުރީނާއާ ލޯބީގެ ގުޅުމެއް ހިންގައި، ދީޕިކާ އަށް ބޭވަފާތެރިވެ މަކަރު ހެދިކަމަށް އެއްބަސް ވެފައިވެ އެވެ.

"އާނ. އަހަރެން މަކަރުހެދިން. އެއީ އަހަރެންގެ މޮޔަކަމުން ކުރެވުނު ކަމެއް. ތަޖުރިބާ ނެތީމަ ވީ ގޮތެއް. ހިތް އެދޭހާ ކޮޅުކޮޅަކަށް ދުއްވައިގަނެެވުނީ ޒުވާން ކަމުގެ ޖޯޝުގައި. ކުރެވުނު ކަންތައްތައް އިހްސާސް ކުރެވެނީ ތަންކޮޅެއް އުމުރުން ދުވަސްވީމަ. ލޯތްބަކީ ކިހާ އަގުހުރި އެއްޗެއްކަން މިހާރު ވިސްނޭ. އަދި އެކަކު ދެކެ ލޯބިވެގެން އުޅެމުން އެހެން މީހަކާ އެކު ލޯބީގެ ގުޅުމެއް ބާއްވަން ނުވާނެކަން ވެސް މިހާރު ގަބޫލުކުރެވޭ،" ރަންބީރުގެ އިންޓަވިއުގައި ބުނެފައިވެ އެވެ.

ފިލްމީ ކެރިއަރުގައި ދީޕިކާ އަކީ މިއަދު ކެޓުރީނާ އަށް ދޫކުރާ ބަތަލާއެއް ނޫނެވެ. އަދި ރަންބީރު ބޭވަފާތެރި ވިޔަސް އޭނާއަށް ރަންވީރު ސިންގްގެ ފަރާތުން ހަގީގީ ލޯބި ވަނީ ލިބިފަ އެވެ.