29 ޖެނުއަރީ 2018 - 10:44

ނޭޕްލްސް (ފެބްރުއަރީ 29) – ބޮލޯނިއާ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނަ މަގާމަށް ނަޕޯލީ އަލުން އަރައިފި އެވެ.
ނަޕޯލީ އެއް ވަނައިގައި އޮތީ 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 56 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހުގެރޭ ކިއޭވޯ އަތުން 2-0 އިން މޮޅުވި ޔުވެންޓަސް އެވެ.
ރޭގެ މެޗުގެ ފުރަތަމަ މިނެޓުގައި ބޮލޯނިއާގެ ރޮޑްރިގޯ ޕަލާޝިއޯ ވަނީ ލީޑު ނަގައިފަ އެވެ. ނަޕޯލީ އަށް ފަސް ވަނަ މިނެޓުގައި އެއްވަރުވީ ބޮލޯނިއާގެ އިބްރާހިމާ އެމްބަޔޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އަނެއް ދެ ލަނޑު ޖެހީ ޑްރިއެސް މާޓިންސް އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލާޒިއޯ އަށް ވަނީ އޭސީ މިލާން އަތުން 2-1 އިން ބަލިވެ ތިން ވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު މިވަގުތު ތިން ވަނައިގައި އޮތީ 46 ޕޮއިންޓާ އެކު އެވެ.
މިލާނުން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދި މި މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕެޓްރިކް ކުޓްރޯނޭ އެވެ. އޭގެ ފަސް މިނެޓު ފަހުން އެޑަމް މަރުސިޗް ލާޒިއޯ އަށް އެއްވަރުކޮށްދިނެވެ. މިލާން މޮޅުވީ 44 ވަނަ މިނެޓުގައި ޖިއަކޯމޯ ބޮނަވެންޗޫރާ ޖެހި ގޯލުންނެވެ.
ހަތަރު ވަނައިގައި 44 ޕޮއިންޓާ އެކު އޮތް އިންޓަ ވަނީ ރޭ ސްޕަލްއާ 1-1 އިން އެއްވަރުވެފަ އެވެ. އަދި ފަސް ވަނައިގައި 41 ޕޮއިންޓާ އެކު އޮތް އޭއެސް ރޯމާ ވަނީ ރޭ ސަމްޕްޑޯރިއާ އަތުން 1-0 އިން ބަލިވެފަ އެވެ.