މިފްކޯގެ ބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފި
މިފްކޯގެ ބޯޓު ދިޔަވުން ކޮންޓްރޯލްކޮށްފި

އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިން މިފްކޯގެ މަސް ބޯޓު ދިޔަވުން ކޮންޓްރޯލްކޮށް އާއްމު ހާލަތަކަށް ގެނެސްފައިވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

ޅ. ފެލިވަރު ކައިރީގައި އަޅާފައި އޮތް އެ ބޯޓު ދިޔަވާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބިފައިވަނީ އިއްޔެ ހަވީރު އެވެ. އޭރުން ފެށިގެން ކުރި މަސައްކަތުން ދިޔަވުން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އެކަމަކު އެ ބޯޓުގައި އަދިވެސް ސިފައިން އެބަތިބި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިފްކޯއިން ބުނިގޮތުގައި ބޯޓު ދިޔަވާން ފެށީ އޭގެ ފުލުގައި ލޯވަޅެއް އެޅުމުގެ ސަބަބުންނެވެ. އަދި ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުނީ މާ ބޮޑަށް ދިޔަވެ ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކަމަށް އެތަނުން ބުންޏެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއީލް ވިދާޅުވީ އެއީ މާ ސީރިއަސް މައްސަލައެއް ނޫން ކަމަށާއި އެމްއެންޑީއެފުގެ އެހީތެރިކަމަށް އެދުނީ ޕަމްޕު ޖަހައިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ހިއްކޭ ވަރަށް ވުރެ ދިޔަގަނޑު ބޮޑުވާތީ ކަމަށެވެ.

"ބޯޓު އަޑިއަކަށް ނުދޭ. އެކަމަކު ވަރަށް ބޮޑަށް ދިޔަވާތީ ޕަމްޕު ޖައްސައިގެން ހިއްކުމަށް ކޯސްޓްގާޑުގެ އެހީތެރިކަމަށް އަޅުގަނޑުމެން އެދުނީ. މިހާރު ދިޔަވުން ކޮންޓްރޯލް ކޮށްފައިވާއިރު ފޫދިޔަ ތަންތަން ޕެޗު ކުރަމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ބޯޓު ދިޔަވާން ފެށިއިރު އޭގައި 24 މީހުން ތިއްބެވެ.