"ޕަދްމާވަތު" ގަބޫލުކުރީ މީރާ ބުނެގެން: ޝާހިދު ކަޕޫރު
"ޕަދްމާވަތު" ގަބޫލުކުރީ މީރާ ބުނެގެން: ޝާހިދު ކަޕޫރު

"ޕަދްމާވަތު"ގައި ޝާހިދު ކަޕޫރު ކުޅެފައިވާ ރޯލު އެހާ ދިގު ނޫނަސް ފިލްމު ބެލި ގިނަ ބަޔަކު ޝާހިދުގެ އެކްޓިން އަށް ވަރަށް ބޮޑަށް އަންނަނީ ތައުރީފު ކުރަމުންނެވެ.

"ޕަދްމާވަތު" ގަބޫލުކުރީ މީރާ ބުނެގެން: ޝާހިދު ކަޕޫރު
"ޕަދްމާވަތު" ގަބޫލުކުރީ މީރާ ބުނެގެން: ޝާހިދު ކަޕޫރު

ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީގެ ސަބަބުންނާއި އޭނާއަށް ގިނަ ބަޔަކު ތައުރީފުކުރާތީ ޝާހިދު މިހާރު ހުރީ ވަރަށް އުފާވެފަ އެވެ. ޓައިމްސް އޮފް އިންޑިއާ އަށް ޝާހިދު ބުނި ގޮތުގައި އޭނާގެ އަންހެނުން މީރާ ރާޖްޕޫތު ނޫނީ އެ ރޯލު ކުޅެން އެއްބަސްވާން އޭނާއަށް ހިތްވަރު ދިން މީހަކު ނެތެވެ. އެހެން އެންމެން ވެސް އެދުނީ އެ ރޯލަށް ނޫނެކޭ ބުނުމަށެވެ.

"ޕަދްމާވަތު"ގައި ޝާހިދު ކުޅުނު މަހަރަވާލް ރަތަން ސިންގްގެ ރޯލަކީ ޝާހްރުކް ޚާނާއި ފަވާދު ޚާން ކުޅެން އެއްބަސް ނުވެފައި އޮތް ރޯލެކެވެ. އެހެންވެ ޝާހިދު ވެސް ފުރަތަމަ އެ ރޯލު ގަބޫލުކުރަން ޖެހިލުންވި އެވެ.

"ޕަދްމާވަތު"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އަކީ ޝާހިދަށް ވަރަށް މަގުބޫލު ޑައިރެކްޓަރެކެވެ. އަދި އޭނާއާ އެކު މަސައްކަތްކުރާ ހިތް ވެސް ޝާހިދު ވަރަށް ބޮޑަށް އޮތެވެ. ނަމަވެސް "ޕަދްމާވަތު"ގެ ރޯލު ލިބުމުން ޝާހިދު އަށް ފަސް ޖެހެވޭ ގޮތް ވި އެވެ. ސަބަބަކީ ފިލްމުގައި ރަންވީރު ސިންގްގެ ރޯލުގެ ބާރުގަދަކަމުން އޭނާގެ ކެރެކްޓާއަށް ހިޔަނި އެޅޭނެކަން ޔަގީން ވާތީ އެވެ. އަދި އޭނާގެ ސްކްރީނުން ފެންނާނެ ވަގުތުކޮޅު ވެސް ވަރަށް މަދުވާނެކަން އެނގޭތީ އެވެ.

ޝާހިދު ބުނި ގޮތުގައި އޭނާގެ އަންހެނުން މީރާ އެހާ ވަރަށް ވިސްނައިނުދިން ނަމަ އޭނާ "ޕަދްމާވަތު" ކުޅޭކަށް އެއްބަހެއް ނުވީހެވެ. ސަބަބަކީ އެހެން އެންމެން ވެސް އެ ރޯލު ގަބޫލުނުކުރަން އޭނާ ގާތު ބުނަމުން ދިއުމުންނެވެ.

މީރާގެ ބަސް އަހައިގެން "ޕަދްމާވަތު"ގެ ރޯލު ގަބޫލުކުރީތީ ޝާހިދު މިހާރު ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ ހިތްހަމަޖެހޭ ފެންވަރަށް ޕާފޯމަންސް ދެއްކުނު ކަމުގެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. އަދި ބޮކްސް އޮފީހުގައި ފިލްމު ހޯދަމުން އަންނަ ކާމިޔާބީތަކުން ވެސް ހިތްހަމަޖެހުން އިތުރުވެއްޖެ ކަމަށެވެ.

"ޕަދްމާވަތު" ވެފައިވަނީ ޝާހިދުގެ 15 އަހަރުގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށެވެ.

ޝާހިދު މިހާރު ވަނީ އަލަށް ފަށާ ފިލްމުގެ ތައްޔާރީތައް ފަށައިފަ އެވެ. އެއީ ޝްރީ ނާރަޔަން ސިންގް ޑައިރެކްޓްކުރާ "ބައްތީ ގުލް މީޓަރު ޗާލޫ" އެވެ. މި ފިލްމުގައި ޝާހިދު ކުޅެނީ ގާނޫނީ ވަކީލެއްގެ ރޯލެވެ.

ޝާހިދު އާދިއްތަ ދުވަހު ވަނީ ފިލްމުގެ ސްްކްރިޕްޓް ހިމެނޭ ފޮތުގެ ބޭރުގަނޑުގެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. މި ފޮތުގެ ބޭރުގަނޑުގައި ފިލްމާ ގުޅޭ ވަރަށް ގިނަ މީހުންގެ މައުލޫމާތު ހާމަކޮށްފައިވެ އެވެ.

އޮގަސްޓް 31 ގައި ރިލީޒްކުރަން ހަމަޖައްސާފައިވާ "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ބަތަލާއިންނަކީ ޝްރައްދާ ކަޕޫރާއި ޔާމީ ގޯތަމް އެވެ.