ރޯހިތު ޝެޓީގެ "ސިމްބާ"ގައި ރަންވީރާއެކު ޖާންވީ
ރޯހިތު ޝެޓީގެ "ސިމްބާ"ގައި ރަންވީރާއެކު ޖާންވީ

ރަންވީރު ސިންގް ބަތަލުގެ ބައި ކުޅޭ، ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިމްބާ"ގެ ފުރަތަމަ ޕޯސްޓަރު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ނެރެފަ އެވެ. މި ފިލްމުގައި ރަންވީރު ކުޅެނީ ފުލުހެއްގެ ރޯލެވެ. "ސިމްބާ" އަކީ އެން.ޓީ. ރާމަ ރާއޯ ޖޫނިއާ އާއި ކާޖަލް އަގަރްވާލް ކުޅެފައިވާ ތެލުގޫ ފިލްމް "ޓެމްޕާ"ގެ ރިމޭކް އެކެވެ.

ފިލްމުގެ ބަތަލާ އަކީ ކެޓުރީނާ ކައިފް ކަމަށް ކުރިން އަޑުތައް އަރާފައި ވިޔަސް މިހާރު ލިބޭ ބުނަނީ މި ފިލްމުގައި ރަންވީރާއެކު ހަރަކާތްތެރިވާނީ ޖާންވީ ކަޕޫރު ކަމަށެވެ. ޖާންވީ ބޮލީވުޑަށް ތައާރަފްވަނީ އިޝާން ޚައްތަރާ އެކު "ދަޅަކް" އިންނެވެ. މިހާރު ބެލެވޭ ގޮތުން ފުރަތަމަ ފިލްމު ރިލިޒްކުރުމުގެ ކުރިން ޖާންވީ އަށް މިވަނީ ވަރަށް ރަނގަޅު އިތުރު ފިލްމެއް ކުޅެލަން ލިބިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނަނީ "ޓެމްޕާ"ގައި ކާޖަލް ކުޅުނު ރޯލަށް ވުރެ "ސިމްބާ"ގައި ޖާންވީ ކުޅޭ ރޯލު ވަރުގަދަ ވާނެ ކަމަށެވެ. މި ފިލްމަކީ ކަރަން ޖޯހަރް ކޯ-ޕްރޮޑިއުސްކުރާ ފިލްމަކަށް ވާތީ ޖާންވީ ފިލްމުގައި ބައިވެރި ކުރުމަކީ ކަރަންގެ ޚިޔާލެކެވެ. ނަމަވެސް ޖާންވީގެ ބައްޕަ އަދި މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރަކަށް މި ފިލްމު ޖާންވީ ކުޅޭކަށް އެހާ ކަމަކު ނުދެ އެވެ. ސަބަބަކީ އޮރިޖިނަލް ފިލްމުގައި ބަތަލާ އަށް އޮތް ރޯލު ކުޑަކަމުންނެވެ.

ޖާންވީ ބޮލީވުޑަށް ނެރެދިނުމުގައި މަގު ދައްކާ މީހެއްގެ ގޮތުގައި ހުރީ ކަރަން އެވެ. އެހެންވެ ޖާންވީގެ މަންމަ ޝްރީދޭވީ އަށާއި ބައްޕަ ބޯނީ އަށް ކަރަން ޔަގީންކޮށްދިނީ ފުރަތަމަ ފިލްމު ނުކުތުމަށްފަހު "ސިމްބާ" ކަހަލަ މަސާލާ ފިލްމެއް ކުޅުމަކީ ޖާންވީގެ ކެރިއަރަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަކަށް ވާނެ ކަމަށެވެ.

މިއީ ގިނަ ދުވަސްތަކަކަށް ފަހު ސޯލޯ ފިލްމެއް ރަންވީރު ވެސް ކުޅޭ ފުރަތަމަ ފަހަރެވެ. އެހެންވެ އޭނާ ވެސް މި ރޯލަށް ވަރަށް ބޮޑަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.