ޓީސީގެ ބިދޭސީ ކީޕަރު ދެ މަހަށް ކުޅުމާ ދުރަށް، ބަދަލުގައި އިފްރާހް
ޓީސީގެ ބިދޭސީ ކީޕަރު ދެ މަހަށް ކުޅުމާ ދުރަށް، ބަދަލުގައި އިފްރާހް

ޓީސީ ސްޕޯޓްސް ކްލަބުގެ ބެލަރޫސް ގޯލްކީޕަރު ޑިމިޓްރީ އަސްނިންގެ އަތަށް ލިބިފައިވާ އަނިޔާ ސަލާމަތްވެގެން ކުޅެން ނުކުންނަން ދެ މަހެއްހާ ދުވަސް ނަގާއިރު، އެ ޓީމުން ތަޖުރިބާކާރު ކީޕަރު އިބްރާހިމް އިފްރާހް އަރީފް ގެނެސްފި އެވެ.

މި ސީޒަނުގައި ޓީސީ އަށް ގެނައި އަސްނިން އަށް އަނިޔާވީ މި ސީޒަނުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބް އަތުން ރަށުން ބޭރުގައި 1-0 އިން މޮޅުވި މެޗުގަ އެވެ.

ޓީސީގެ އޮފިޝަލަކު ބުނީ އޭނާގެ އަތުގެ މުލައްދަނޑީގައި ރެނދެއް ލާފާފައިވާ ކަމަށާއި ރިކަވާވާން ހަ ހަފުތާ ނަގާނެ ކަމަށާއި ދަނޑަށް ނުކުންނަން އަށް ހަފުތާ ނަގާނެ ކަމަށެވެ.

ގިނަ ދުވަސްތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ އޭނާ ފޮނުވާލަފާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެ ޓީމުން އެކަމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ޓީސީން އަލަށް ގެނައި ކީޕަރު އިފްރާހު މިދިޔަ ސީޒަނުގައި ރާއްޖޭގެ މުބާރާތަކުން ނުފެނެ އެވެ. މިދިޔަ އަހަރު އޮސްޓްރޭލިއާގައި ދިރިއުޅުނުއިރު އޭނާ ވަނީ އެ ގައުމުގެ ދަށް ޑިވިޝަނުތަކުގައި ވާދަކުރާ ޔުނިވާސިޓީ ލީގު ޓީމެއް ކަމަށްވާ ހަންޓާ ސިމްބާ އެފްސީގެ ޕްރެކްޓިހުގައި ބައިވެރިވެފަ އެވެ.

ޒުވާން އުމުރުގައި މާޒިޔާ އިން ކެރިއަރު ފެށި އިފްރާހް ދެން ފެނުނީ ނިއު ރޭޑިއަންޓުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބް ވެލެންސިއާ އާއި ބީޖީ ސްޕޯޓްސް ކްލަބް އަދި ވިކްޓަރީ އަށް ވެސް ކުޅެފަ އެވެ.

އޭނާ ވަނީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނުމުގެ އިތުރުން ގިނަ ފަހަރެއްގެ މަތިން ގައުމީ ސްކޮޑުގެ ޖާގަ ދަމަހައްޓައިފަ އެވެ. އަދި 2017 އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ބައެއް މެޗުތަކަށް ނެގި ސްކޮޑުން ވެސް އޭނާ ފުރުސަތު ހޯދި އެވެ.

އިފްރާހް ގުޅުނު ނަމަވެސް އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާ ސައިފާ ދެކޮޅަށް ކުޅޭނީ ބަދަލު ކީޕަރު އިބްރާހިމް ނަދީމެވެ. އަސްނިން އަށް އަނިޔާވުމުން އޭނާ އެ މެޗުގައި އަރައި ޖުމްލަ ގޮތެއްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.