ކަނޑު ބޯޓެއްގައި ނައިފަަރަށް ދަތުރުކުރި ބިދޭސީއަކު މަރުވެއްޖެ
ކަނޑު ބޯޓެއްގައި ނައިފަަރަށް ދަތުރުކުރި ބިދޭސީއަކު މަރުވެއްޖެ

މާލެ އިން ކަނޑު ބޯޓަކުން ޅ. ނައިފަރަށް ދަތުރުކުރި ބިދޭސީއަކު ދަތުރުމަތީގައި މިއަދު މަރުވެއްޖެ އެވެ.

ނައިފަރު ކައިރީގައި އޮންނަ ކަނިފުށި ރިސޯޓުގެ ވަޒީފާ އަށް ދިޔަ އެމީހާ ދަތުރަށް އެރި އިރު ހާލު ރަނގަޅު ކަމަށް އޭނާ ދަތުރުކުރި "މެގަ އާރުން" ވާހަކަދެއްކި މީހަކު ބުންޏެވެ. ދަތުރުވެރިޔާގެ ހާލު ދެރަވާން ފެށީ، އޭނާ ބުނި ގޮތުގައި، ކަނޑު ގަދަވެ، ވަކި ހިސާބަކުން ބޯއަނބުރައި، ހޮޑުލާން ފެށި ފަހުންނެވެ.

"ހޮޑުލާފައި ދެން ވަރަށް ވަރުދެރަކޮށް އިނީ. އޭގެ ފަހުން ކާށިދުއާ ހިސާބަށް ދަތުރުކުރެވުނު ތަނާ ފެނުނީ އޭނާ ހަބަރު ހުސްވެފައި އޮއްވައި، ބެލިއިރު މަރުވެފައި އޮތީ،" ބޯޓުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަމަށް އަދި ނޭނގެ އެވެ.

އޭނާ މަރުވީ ގިނައިން ހޮޑުލެވިގެން ކަމަށް ބޯޓުން ދަތުރުކުރި ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު ކަނޑު ގަދަވެ، އޭނާ އަށް ވުރެ ގިނައިން ހޮޑުލީ މީހުން ވެސް ބޯޓުގައި ތިބި ކަމަށް އެކަކު ބުންޏެވެ.

މަރުވި ބިދޭސީ މީހާގެ ހަށިގަނޑު އަދި އޮތީ ނައިފަރު ހޮސްޕިޓަލުގަ އެވެ. އޭނާ އެ ރަށުގައި ވަޅުލުމުގެ އިންތިޒާމްތައް އަންނަނީ ހަމަޖައްސަމުންނެވެ.