29 ޖެނުއަރީ 2018 - 09:51

މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަން ހޯދައި 20 ވަނަ ގްރޭންޑް ސްލޭމް ތަށި ލިބުނަސް އަދިވެސް އުއްމީދަކީ ކުރިއަށްދިއުން ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ބުނެފި އެވެ.
މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ އުމުރުން 36 އަހަރުގެ ފެޑެރާ ކުޅޭ 72 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭގެ ތެރެއިން 20 މުބާރާތް ފެޑެރާ ވަނީ ކާމިޔާބު ކޮށްފަ އެވެ. ފެޑެރާ އަކީ 1972 ވަނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަށް ފަހު މި މުބާރާތް ކާމިޔާބުކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ. އެ ފަހަރު މުބާރާތް ކާމިޔާބުކުރި ކެން ރޯސްވޯލްގެ އުމުރަކީ 37 އަހަރެވެ.
"މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އަހަންނަށް ތިން ގްރޭންޑް ސްލޭމް ކާމިޔާބު ކުރެވިއްޖެ. އަހަންނަށް ވެސް ގަބޫލުކުރަންދަތި. އަހަންނަށް އުމުރަކީ މައްސަލަ އެއް ނޫން. މި ހިސާބުން އަހަރެން ހުއްޓުނީ އެއް ވެސް ނޫން. އަދިވެސް ވިސްނުން ހުރީ ކުރިއަށް،" ފެޑެރާ ބުންޏެވެ.
މަރިސް ސިލިޗާ ވާދަކޮށް ފެޑެރާ މޮޅުވީ 6-2 6-7 (5-7) 6-3 3-6 6-1 އިންނެވެ. މިއީ ފެޑެރާގެ ކެރިއަރުގައި އޭނާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. މި ކާމިޔާބީގެ އިތުރުން ފެޑެރާ ވަނީ އޮސްޓްރޭލިއަން އޯޕަން ހަ ފަހަރު ހޯދައިގެން ރެކޯޑް ހަދާފައިވާ ޖޮކޮވިޗާއި ރޯއީ އެމަސަންއާ ހަމަކޮށްފަ އެވެ.
ފާއިތުވި އަހަރުތަކުގައި އަނިޔާގެ ސަބަބުން ފެޑެރާގެ ފޯމު ގެއްލުނު ނަމަވެސް މިދިޔަ އަހަރު އަނިޔާއިން ސަލާމަތްވެގެން އެނބުރި އައިސް އޭނާ އަންނަނީ ކުރީގެ ކުޅުން ދައްކަމުންނެވެ.
"އަހަރެން އަނިޔާގައި ހުރިއިރު ވެސް ވިސްނީ އެނބުރި އައިސް ޕްރެޝަރާ ކުރިމަތިލާނެ ގޮތްތައް. ހަގީގަތުގައި ޕްރެޝަރާ ކުރިމަތިލާއިރު އެންމެ މުހިއްމީ އަމިއްލަ ކޮންފިޑެންސް. މިހާރު އަހަންނަށް މި އުޅެވެނީ ހުވަފެނެއްގައި. ހަގީގަތުގައި ކާމިޔާބީ ގިނަ އަހަރުތަކެއް ވަންދެން ދެމެހެއްޓުމަކީ ވަރަށް ގިނަ މަސައްކަތުން ހާސިލްކުރެވޭ ކަމެއް،" ފެޑެރާ ބުންޏެވެ.
އޭނާ ބުނީ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރެވުމުން މި އަަހަރުގެ ސީޒަނަށް ކުރެވޭ އުއްމީދު ބޮޑުވެއްޖެ ކަމަށެވެ.