ކާބުލްގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް
ކާބުލްގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް

ކާބުލް (ޖެނުއަރީ 28) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިއްޔެ ގޮއްވާލި ބާރުގަދަ ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 103 އަށް އަރާފައިވާ ކަމަށް ދާޚިލީ ވުޒާރާ އިން ބުނެފި އެވެ.

އެމްބިއުލެންސެއްގައި ގޮވާތަކެތި ހަރުކޮށްގެން ދިން ހަމަލާގައި ވަނީ 191 މީހުން ޒަޚަމްވެފަ އެވެ. ބޮން ގޮއްވާލާފައި ވަނީ ދާޚިލީ ވުޒާރާ ހުންނަ އިމާރާތާއި ޖުމްހޫރިއްޔާ ހޮސްޕިޓަލް އަދި ސަރުކާރުގެ އޮފީސްތަކާއި ފިހާރަތަކާއި ސްކޫލްތައް ހުންނަ ސަރަހައްދުގަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ކާބުލްގައި ދިން ބޮމުގެ ހަމަލާ އަށް ފަހު ދިން އެންމެ ވަރުގަދަ ހަމަލާ އެވެ. އެ ފަހަރުގެ ހަމަލާގައި ވަނީ 150 މީހުން މަރުވެފަ އެވެ.

މިއީ ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުތެރޭ އަފްޣާނިސްތާނުގައި ދިން ވަރުގަދަ ތިން ވަނަ ހަމަލާ އެވެ. ކާބުލްގައި ހުންނަ އިންޓަކޮންޓިނެންޓަލް ހޮޓަލަށް މިދިޔަ ހަފުތާގައި ދިން ހަމަލާގައި ވަނީ 20 މީހުން މަރުވެފަ އެވެ. އަދި ޖަލާލްއާބާދުގައި ހުންނަ ސޭވް ދަ ޗިލްރަންގެ އޮފީހަށް ދިން ހަމަލާގައި ވަނީ ތިން މީހުން މަރުވެފަ އެވެ. ތާލިބާނުން ބުނެފައި ވަނީ ހަމަލާތަކުގެ އަމާޒަކީ ސަރުކާރުގެ އޮފިޝަލުން ކަމަށެވެ.

ހޮނިހިރު ދުވަހު ދިން ބޮމުގެ ހަމަލާގައި ފުލުހުންގެ ޗެކްޕޯސްޓެއް އެމްބިއުލެންސް ހުރަސްކޮށްފައި ވަނީ ހޮސްޕިޓަަލަށް ބަލި މީހަކު ގެންދަނީ ކަމަށް ބުނެ އެވެ.