ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ތަނަކުން ފަރުވާ ލިބެން ނެތުމުން: އިދިކޮޅު ޕާޓީތައް
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ތަނަކުން ފަރުވާ ލިބެން ނެތުމުން: އިދިކޮޅު ޕާޓީތައް

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެހެން ތަނަކުން އެކަމުގެ ފަރުވާއެއް ލިބެން ނެތުމުން ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ސިޔާސީ ވެރިން އިސްކޮށް ތިއްބަވައިގެން މި މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން އެދި އެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން، ވެރިކަން ހިންގުން ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ހަވާލުކޮށް މައްސަލަ ތަހުގީގު ކުރުމަށް ވެސް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވެ އެވެ.

މިކަމާ ގުޅޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބެލުމަށް ކަމާ ބެހޭ މުއައްސަސާތައް ނުކުޅެދިފައިވާ ކަމަށާއި ހަމައެކަނި ފަރުވާއެއް ލިބެން އޮތް ތަނަކީ ސުޕްރީމު ކޯޓު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކޯޓަށް އެ މައްސަލަ ހުށަހެޅީ، ރައްޔިތުންގެ އާއްމު މަސްލަހަތާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގަ އެވެ.

އިބޫ ވިދާޅުވީ ދައުލަތުގައި ހުރި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް މިހާތަނަށް ކަމާ ގުޅޭ އިދާރާއަކުން ބަލާފައި ނުވާއިރު، އެ ހުރިހާ ތަނަކަށް ވެސް ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒާއި ބިރު ފޯރާފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ގެންދިޔައީ، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ބާރުތައް އެއްކޮށްލާފައިވާތީ ކަމަށެވެ. އަދި ދައުލަތުގެ ބާރުން ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވާއިރު މިހާލަތުގައި، ރައްޔިތުންގެ އާއްމު މަސްލަހަތަށް ބަލާފައި ސުޕްރީމް ކޯޓުން ފަރުވާއެއް ހޯދުމުގެ މަގްސަދުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ބަހުރުވައިން ނަމަ މަޖިލީހާއި އެހެން އިދާރާތަކުގައި މިވަނީ ޑެޑްލޮކް އެޅުވިފައި. ދުސްތޫރީ ނިޒާމުގެ ބޭރުން މައްސަލަ ގެންދެވެން ނެތުމުން އަޅުގަނޑުމެން ކޯޓަށް މައްސަލަ މި ހުށަހެޅީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ މި މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ. އަދި މިއިން އެއްވެސް މަސައްކަތަކީ ގާނޫނު އަސާސީގެ ބޭރުން ކުރާ ކަންކަން ނޫން ކަމަށާއި އެކަމަކު ރައީސް މަގާމުން ދުރުކުރުމަށް މައްސަލަ ހުށަހެޅީ އެއްވެސް ދިމާއަކުން އެ ކަމާ ގުޅޭ މައްސަލަތައް ނުބެލޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އިންސާފު ހޯދައިދޭނީ ސުޕްރީމް ކޯޓުން. އިންސާފު ހޯދައިދޭނީ ރައީސެއް ނޫން." ރިޔާޒު ވިިދާޅުވި އެވެ.

މި މައްސަލައިގެ ތަފްސީލު ހާމަކުރަން އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.