އިއްޔެ އެ ފެނުނީ އަނިޔާވެރިކަމުގެ އިންތިހާ: އިބޫ
އިއްޔެ އެ ފެނުނީ އަނިޔާވެރިކަމުގެ އިންތިހާ: އިބޫ

އެއްވެސް އަސްލެއް ނެތް ތުހުމަތެއްގައި ހަ މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ކޯޓުން ދޫކޮށްލިތާ ދެ ދުވަސްތެރޭ، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން، އިއްޔެ އަލުން ހައްޔަރު ކުރުމަކީ އިންތިހާ އަށް އަނިޔާވެރިވުން ކަމަށް މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެ ފެނުނީ އަނިޔާވެރިކަމުގެ އިންތިހާ: އިބޫ
އިއްޔެ އެ ފެނުނީ އަނިޔާވެރިކަމުގެ އިންތިހާ: އިބޫ

ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރުމަށް، އިދިކޮޅު ސިޔާސީ ލީޑަރުންގެ ފަރާތުން ސުޕްރީމު ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ "އިއްޔެ އެ ފެނުނީ އަނިޔާވެރިކަމުގެ އިންތިހާ" ކަމަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ފާރިސް ދޫކޮށްލާފައި ވަނިކޮށް، ކޯޓު އަމުރަކާ އެކު ފާރިސް އަލުން އިއްޔެ ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ތެރޭގައި މަޖިލީހުުގެ މެމްބަރުންތަކަށް ފާރިސް ފައިސާ ބެހިކަމުގެ ތުހުމަތާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތުގަ އެވެ.

އަދި ކޯޓު އަމުރާ އެއްގޮތަށް ފާރިސް ހައްޔަރު ކުރުމަށް، ބޮޑުބޭބެ އަދި ރައީސް އަބްދުﷲ ޔާމީން ފުލުހުންނަށް އަންގަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ.

އިބޫ ވިދާޅުވީ "ދައުލަތު އެންމެ މަތީ ވެރިޔާ"ގެ މާނަ ނަގައިގެން ހުރިހާ ކަމެއް ނިންމާނަމަ ގާނޫނު އަސާސީގައި ދެން ހުރި މާއްދާތަކުގެ ބޭނުމެއް ނެތް ކަމަށެވެ. އެކަމަކު ގާނޫނު އަސާސީގައި ހަމައެއާ ވިދިގެން، ގާނޫނު ހަދަނީ ކޮން ފަރާތެއް ކަމާއި ޝަރީއަތްތައް ކޮށް ހަދަނީ ކޮން ފަރާތަކުން ބުނެ މާއްދާތައް ލިޔެފައިވާ ކަމަށާއި އެއީ ތިން ބާރު ވަކިވެފައި އޮންނަ ގާނޫނު އަސާސީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި އޮންނަގޮތުން، އެންމެންގެ ހައްގުތައް ރައްކާތެރިކޮށްދެނީ ރައީސް. އެހެން އޮއްވާ، މާނަ އޮޅުވާލައިގެން ފުލުހުންގެ މައްޗަށް އެކަހަލަ އަމުރެއް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއީ ރައީސަށް ލިބޭނެ ބާރެއް ނޫން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒިންމާއަދާ ނުކުރެވޭތީ އާއި ދައުލަތުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ގިނަވެފައިވާތީ ރައީސް މަގާމުން ދުރުކުރުމަށް ސުޕްރީމު ކޯޓަށް މައްސަލަ ހުށަހެޅީ އެހެން، މުއައްސަސާތަކުން އެ މައްސަލަތައް ބެލުމަށް ނުކުޅެދިފައިވާތީ ކަމަށެވެ.

އިބޫ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް ވިޔަސް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ވިޔަސް، މިނިވަން ކަމާއެކު މަސައްކަތް ކުރުމަށް ވަނީ ހުރަސް އެޅިފަ އެވެ. އަދި ރައީސް ޔާމީންގެ ބިރުވެރިކަން ނުފޯރާ އެއްވެސް މުއައްސަސާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

ފާރިސް ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅާފަ އެވެ. އަދި އޭނާ ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން މިއަދު ވަނީ އިސްތިއުނާފަށް ހުށަހަޅާފަ އެވެ.