13 ޖުލައި 2016 - 14:24

ރ. މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ތަސްލީމުގެ ސައިކަލު ރޭ ބަޔަކު އަންދާލައި އޭނާގެ ގެ އަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ކައުންސިލް މެމްބަރު ނަސްރުﷲ ހުސައިން ވިދާޅުވީ ރޭ ދަންވަރު ދޭއް ޖަހާކަންހާ އިރު ތަސްލީމުގެ ސައިކަލުގައި ރޯކޮށްލީ، ސައިކަލު އޭނާގެ ކޮޓަރި ކައިރީގައި ބަހައްޓާފަ ހުއްޓަ އެވެ. އިންސްޓޯލްމެންޓަށް ވަރަށް ފަހުން ނެގި އެ ސައިކަލުގައި ރޯކޮށްލުމުން ކޮޓަރީގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، ބޭރުގައި ހުރި އޭސީ ވެސް އަނދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮޓަރީގައި އޭސީ ހަރުކުރީ އިއްޔެ ކަމަށް ވެ އެވެ.
"ރޯކޮށްލި އިރު ތަސްލީމުގެ ދެމަފިރިންނާއި ހަތް މަހުގެ ދަރިފުޅު އޮތީ ކޮޓަރީގައި ނިދާފައި. އެ މީހުންނަށް ހޭލެވުނީ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ދޮރުފޮތިތަކުގައި އަލިފާން ރޯވެ ހޫނުވާން ފެށުމުން،" ނަސްރުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮޓަރި ހުރި ގޮތުން އަލިފާންގަނޑުން ސަލާމަތްވެ އެ މީހުންނަށް އެ ތަނުން ނިކުމެވުނީ ވަރަށް އުނދަގުލުންނެވެ.
"ކުޑައިރުކޮޅެއް ލަސްވި ނަމަވެސް އެ މީހުންގެ ފުރާނަ އަށް ނުރައްކާ ވީސް"
ނަސްރުﷲ ވިދާޅުވީ ސައިކަލުގައި ރޯވެފައިވާ އަލިފާންގަނޑު އަވަށްޓެރިންގެ އެހީއާ އެކު ނިއްވާލެވުނު އިރު އޭތި އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
މިކަން ކުރި ބަޔަކު ނޭނގުނު ނަމަވެސް އެއީ ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށް ކައުންސިލުން ތުހުމަތު ކުރެ އެވެ.
ނަސްރުﷲ ވިދާޅުވީ ރަށުގެ އެކި ކަންކަން ތަންފީޒު ކުރުމުގައި ހިތްހަމަ ނުޖެހިގެން ބައެއް މީހުންގެ ފަރާތުން ކައުންސިލަރުންނަށް އިންޒާރުތައް ލިބުނު ނަމަވެސް ތަސްލީމަށް ހަމަލާ ދިން ސަބަބު ނޭނގޭ ކަމަށެވެ. އަދި މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.