29 ޖެނުއަރީ 2018 - 11:21

އަނބު މޫސުމާ އެކު މާލޭ ބާޒާރުގައި އަނބު ތިޔާގިވެ، ބާޒާރުމަތި "ދޮންވެއްޖެ" އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި އަނބު ތިޔާގިވި އިރު، އެންމެ ގިނައީ ފުވައްމުލަކު އަނބެވެ. ވިޔަފާރިވެރިން ބުނި ގޮތުގައި އެހެން ރަށްރަށުން ވެސް ވަރަށް އަވަހަށް އަނބު ލިބެން ފަށާނެ އެވެ.

ބާޒާރުގައި އާއްމުކޮށް އަނބުގެ އަގު އުޅެނީ އަނބެއް 10ރ.ގެ ރޭޓުންނެވެ. ނަމަވެސް ބައެއް ވަގުތުތަކުގައި އަގު ތަފާތުވެ އެވެ. އެގޮތުން ހެނދުނު އާންމުކޮށް އަގު ބޮޑުވާ އިރު، މެންދުރު އަވިގަދަ ގަޑީގައި އަގު ހެޔޮވެފައި ހަވީރު ފިންޏަށް އަގު ބޮޑުވެ އެވެ.
މާރުކޭޓު ސަރަހައްދުގައި ވިޔަފާރި ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ފުވައްމުލަކު ހުސައިން އަލީ ބުނި ގޮތުގައި އެހެން އަހަރުތަކާ އަޅައި ބަލާއިރު މި އަހަރުގެ މިހާތަނަށް އެ ރަށުން މާލެ ގެނެވުނު އަނބު މަދެވެ.
އޭނާ ބުނީ އާންމުކޮށް އެހެން އަހަރުތަކުގައި ވިޔަފާރިވެރިން 80 ވަރަކަށް ބާސްކެޓުގެ އަނބު މާލެ ގެންނަ އިރު، މި އަހަރު އަދި ގެނެވުނީ 25-30 ބާސްކެޓް ކަމަށެވެ. ބާޒާރުމަތީގައި އަނބު މަދުކަން ބުނެދެމުން އޭނާ ބުނީ "މިއީ [ބާޒާރު މަތީގައި ވިއްކަން ހުރީ] ބޭބެމެން ރަށުގައި އަޅާ އަނބާ ބަލާއިރު ހާހަކުން ހަ އަނބު" ކަމަށެވެ.
"މިހާރު" އާ ވާހަކަ ދެއްކި ގިނަ ވިޔަފާރިވެރިން ބުނީ ކުރި އަށް އޮތް ދުވަސްތަކުގައި މާރުކޭޓުގައި އަނބު އިތުރުވާނެ ކަމަށެވެ.
މާރުކޭޓުގައި އަނބު ގިނަވާނެ ކަމަށް ވިޔަފާރިވެރިން ބުނާއިރު، އަނބުގެ އަގު ވެސް ވަރަށް ހެޔޮވާނެ ކަމަށް ލަފާކުރެވެ އެވެ.
މި އަހަރުގެ އަނބު މޫސުން ފެށިފައިވާ އިރު، މާލޭގެ މާރުކޭޓު ސަރަހައްދު ވެސް މިހާރު ވަނީ މި މޫސުމަށް ތައްޔާރުވެފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ރަށްރަށުން އަނބު ގެންނާނެ ކަމަށް ބެލެވޭ އިރު، ދަތުރުވެރިންގެ މާރުކޭޓުގެ އުތުރުން އޮންނަ ދުވާރުމަތި މިހާރު އޮތީ އެކުގައި ހިޔާކޮށް އަނބު ވިއްކާ މީހުންނަށް ހާއްސަ ކޮށްފަ އެވެ.