28 ޖެނުއަރީ 2018 - 15:52

ކޮލަމްބޯ (ޖެނުއަރީ 28) - ސްރީ ލަންކާ ސަރުކާރު މުވައްޒަފުންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން ބޮޑު ކޮށްފި އެވެ.
ނޭޝަނަލް ޓްރޭޑް ޔޫނިއަން ފްރަންޓް (އެންޓީޔޫއެފް) އިން ބުނީ ޖެނުއަރީ މަހުގެ މުސާރައާ އެކު 22 ޕަސެންޓުގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ޔޫނިއަން އިން ބުނީ ކުރީގެ ސަރުކާރުން 10 އަހަރު ވަންދެން ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް ކުރިއެރުމެއް ގެނެސްފައި ނުވާ ކަމަށެވެ. އެކަމަކު ރައީސް މައިތުރިޕާލާ ސިރިސޭނާ ސަރުކާރުން ވަނީ މަސައްކަތުގެ މީހެއްގެ ވެސް އެންމެ ކުޑަ މުސާރަ އަކީ 7،512 ރުޕީސް ކަމަށް ހަމަޖައްސާފައި ކަމަށް ވަނީ ބުނެފަ އެވެ. އަދި މިނިސްޓްރީގެ ސެކްރެޓަރީއެއްގެ މުސާރަ ވެސް 30،684 ރުޕީސް އަށް ބަދަލުކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ނޭޝަނަލް ޓްރޭޑް ޔޫނިއަންގެ ޗެއާމަން ސަމަން ރަތުނަޕްރިޔާ ވިދާޅުވީ މިހާރުގެ ސަރުކާރުން މުސާރަ އަށް ބަދަލުތަކެއް ގެނެސްފައި ވަނީ ސަރުކާރު މުވައްޒަފުންގެ ހައްގުގައި ޔޫނިއަން އިން ކުރި މަސައްކަތުން ކަމަށެވެ. އެންމެ ކުޑަ މުސާރަ ބޮޑު ކުރުމުން އޯވަޓައިމް އާއި ޗުއްޓީ އެލަވަންސާއި ބަންދު ދުވަސްތަކުގެ އެލަވަންސް ވެސް އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މުސާރަ އަށް ގެނައި ބަދަލާ ގުޅިގެން މަސައްކަތުގެ މީހެއްގެ މުސާރަ އިން 2504 ރުޕީސް ބޮޑުވާނެ އެވެ. އަދި ޕާލަމެންޓް ސެކްރެޓަރީއެއްގެ މުސާރަ އިން 10،227 ރުޕީސް ބޮޑުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.