ފާރިސް ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި
ފާރިސް ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދު ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ބަންދުގައި ހަ މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލާފައި ވަނިކޮށް، ކޯޓު އަމުރަކާ އެކު ފާރިސް އަލުން އިއްޔެ ހައްޔަރުކުރީ އެހެން މައްސަލައެއްގެ ތުހުމަތުގަ އެވެ. މިފަހަރު ހައްޔަރުކުރީ މިދިޔަ މެއި މަހުގެ ތެރޭގައި މަޖިލީހުުގެ މެމްބަރުންތަކަށް ފާރިސް ފައިސާ ބެހިކަމުގެ ތުހުމަތާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތުގަ އެވެ.

ފާރިސްގެ ބަންދަށް ކްރިމިނަލް ކޯޓުން ރޭ 15 ދުވަސް އިތުރުކޮށްފައި ވަނިކޮށް ފާރިސް ދޫކޮށްލުމުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ފާރިސްގެ ވަކީލުންގެ މިއަދު ހުށަހެޅީ ގިނަ ސަބަބުތަކެއް ދެއްކުމަށް ފަހު އެވެ.

އެގޮތުން ފާރިސް ދޫކޮށްލަންޖެހޭ ކަމަށް ބުނެ ތަފާތު ހަތް ސަބަބެއް އެ މައްސަލާގައި ވަކީލުން ފާހަގަ ކޮށްފައިވާއިރު، ގާނޫނުއަސާސީ އާއި އެކި ގާނޫނުތަކުގެ 27 މާއްދާއަކާ އެ މައްސަލާގައި ވަކީލުން ހަވާލާ ދީފައިވެ އެވެ. އޭގެ ތެރޭގައި ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާއި ފުލުހުންގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގެ އެކި މާއްދާތައް ހިމެނެ އެވެ.

ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ މީހަކު ބަންދުން ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ބަންދުން ދޫކުރުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ. ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ބަންދުން ކުރެވިފައިވާ މީހާއަށް ނުވަތަ އެ މީހާގެ ބަދަލުގައި އެހެން މީހަކަށް ވެސް އެފަދަ މައްސަލައެއް ހުށަހެޅިދާނެ އެވެ.

ފާރިސް ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ ކޯޓު އަމުރަކާއެކު، އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންމެރިމާގެ ވެސް ފާސްކޮށްފަ އެވެ.