28 ޖެނުއަރީ 2018 - 14:20

ހުޅުމާލޭގައި ރޭ ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައި ކަމަށާއި އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ދެބެއިން ދުއްވި އެ ސައިކަލު އެކްސިޑެންޓުވެ ދެ މީހުންނަށް ވެސް އަނިޔާވި އެވެ. އެކަމަކު އޭގެ ތެރެއިން ސީރިއަސް ޒަަހަމްތަކެއް ލިބުނު 25 އަހަރުގެ ޒުވާނާ ރޭ ވަނީ އޭޑީކޭ އަށް ގެންގޮސްފަ އެވެ.
"އަދިވެސް އޭނާގެ ހާލު ސީރިއަސް،" ޒުވާނާގެ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލެއް ނުދެއްވާ، އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި އެވެ.
ހިތިގަސް މަގުގައި ހުންނަ މައި ކޮލެޖް ކައިރިން ހިނގި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ޒުވާނާ އޭޑީކޭ އަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އެވެ.
އެކްސިޑެންޓުގައި ދެން އަނިޔާވި 23 އަހަރުގެ ޒުވާނާ އަށް އެ ހޮސްޕިޓަލުގައި އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ. އެކަމަކު ހާލު ސީރިއަސްއެއް ނޫނެވެ.