ޝާހްރުކްގެ ދަރިފުޅު އާރްޔަން ބޮލީވުޑް ދަތުރު ފަށަނީ
ޝާހްރުކްގެ ދަރިފުޅު އާރްޔަން ބޮލީވުޑް ދަތުރު ފަށަނީ

ޝާހްރުކް ޚާންގެ ދޮށީ ދެބެއިން ކަމަށްވާ އާރްޔަން އާއި ސުހާނާ ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަތަކަކީ ވަރަށް ކުރިން ވެސް ދެކެވެމުން އަންނަ ވާހަކައެކެވެ. ނަމަވެސް އުމުރުގެ ހަގުކަމުން އަދި އެހާ އަވަހަށް ބޮލީވުޑުން މި ކުދިން ފެންނާނެ ކަމުގެ އުންމީދެއް ގިނަ ބަޔަކު ނުކުރެ އެވެ. ނަމަވެސް މިހާރު ޝާހްރުކްގެ ދޮށީ ފިރިހެން ދަރިފުޅު އާރްޔަން ފިލްމީ މައިދާނަށް ނުކުތުމުގެ ފުރަތަމަ ހަރުފަތް ގިރާކުރަން ވަނީ ތައްޔާރުވެފަ އެވެ.

ބަތަލެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވާކަށް އާރްޔަން އެއް އިރެއްގައި ވެސް ބޭނުމެއް ނޫނެވެ. ތަންކޮޅެއް ކުރިން ޝާހްރުކް ދީފައިވާ އިންޓަވިއުއެއްގައި ވެސް އާރްޔަންގެ އެކްޓްކުރުމަށް ވުރެ ފިލްމު ޑައިރެކްޓްކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް ބުނެފައިވެ އެވެ.

ހަގީގަތުގައި އާރްޔަން ބޭނުންވަނީ ފިލްމު ޑައިރެކްޓް ކުރާށެވެ. އޭނާ ފިލްމު ކުޅުނަސް ބޭނުންވަނީ ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމު އުފެއްދުމުގެ ތަޖުރިބާތަކެއް ކުރުމަށް ފަހުގަ އެވެ.

އެމެރިކާގެ ކެލިފޯނިއާގައި ފިލްމު އުފެއްދުމުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރަމުން އަންނަ އާރްޔަން އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މިހާރު ވަނީ މަސައްކަތް ފަށައިފަ އެވެ.

އާރްޔަން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ޕޯސްޓް ކޮށްފައިވާ މެސެޖެއްގައި ވަނީ ފިލްމު އުފައްދާ މީހެއްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން އިއުލާން ކޮށްފަ އެވެ. އާރްޔަން އުފައްދަން އެހީތެރިވަނީ އޫބާ ޔޫއެސްއޭ އިން އިންތިޒާމުކުރާ މުބާރާތަކަށް އެލެކްސް އެންޑް ބްރެނަން އުފައްދާ 90 ސިކުންތުގެ ފިލްމެއްގަ އެވެ. މި ފިލްމަށް ވީހާވެސް ގިނަ ބަޔަކު ސަޕޯޓްކޮށްދީ މުބާރާތް ކާމިޔާބުކުރުމުގައި އެހީތެރިވުމަށް އާރްޔަން އެދިފައި ވެއެވެ.