ގެއްލުނު ކިރިބަތީގެ ފެރީގެ ބައެއް މީހުން ކަނޑު މަތިން ފެނިއްޖެ
ގެއްލުނު ކިރިބަތީގެ ފެރީގެ ބައެއް މީހުން ކަނޑު މަތިން ފެނިއްޖެ

ސައުތު ތަރާވާ (ޖެނުއަރީ 28) - ފަންސާސް މީހުންނާ އެކު ކިރިބަތީ އިން ގެއްލުނު ފެރީގެ ހަތް މީހަކު ދިރި ތިއްބާ ޕެސިފިކް ކަނޑުން ހޯދައިފި އެވެ.

އެމްވީ ބުޓިރާއޮއި ފެރީ ގެއްލުނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ދެ ދުވަހުގެ ދަތުރެއްގައި ނޮނޫޓީ އައިލެންޑްސް އިން ބޯޓު ފުރީ މި މަހު 18 ވަނަ ދުވަހު އެވެ. ކިރިބަތީގެ އެއް ރަށުން އަނެއް ރަށަށް މީހުން އުފުލުމަށް ބޭނުން ކުރާ ލަކުޑި ފެރީގެ ދިގު މިނަކީ 17.5 މީޓަރު (57 ފޫޓު) ކަމަށްވެ އެވެ. އެ ބޯޓު ގެއްލުނު ކަމަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ނިއު ޒީލެންޑުގެ ރެސްކިއު ކޯޑިނޭޝަން ސެންޓަރުން ބުނީ ނޮނޫޓީ އިން ފެރީ ފުރީ 160 މޭލުގެ ދިގު ދަތުރަކަށް ކަމަށެވެ. ފެރީ ލަފާނެ ކަމަށް ލަފާކޮށްފައި ވަނީ މި މަހު 20 ވަނަ ދުވަހު އެވެ.

ގެއްލުނު ފެރީ ހޯދުމުގެ މަސައްކަތް ކުރާ ނިއު ޒީލެންޑުގެ ޑިފެންސް ފޯސް އިން ބުނެފައި ވަނީ ކުޑަ ޑިންގީއެއްގައި ބަޔަކު ތިއްބާ މަތިންދާ ބޯޓަށް ފެނުމުން އެ މީހުންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދީފައިވާ ކަމަށެވެ. ބާކީ ތިބި 43 މީހުން އަދިވެސް ނުފެންނަ ކަމަށް ވަނީ ބުނެފަ އެވެ. ނިއު ޒީލެންޑުގެ އިތުރުން ފެރީ ހޯދުމުގައި ދަނީ ފިޖީ އިން ވެސް ހަރަކާތްތެރިވަމުންނެވެ.

ނިއު ޒީލެންޑުގެ އެއާ ފޯސް އިން ބުނީ ފަސް މީޓަރު (16 ފޫޓު) ގެ ޑިންގީގައި ތިބި މީހުން ފެނިފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

ގެއްލުނު ފެރީ ފުރުމުގެ ކުރިން އޭގެ ބުރަފަތީގެ ޝާފްޓުގެ މަރާމާތެއް ކުރި ކަމަށް ސާޗް އެންޑް ރެސްކިއު އޮފިޝަލެއް ކަމަށްވާ ޖޯން އެޝްބީ ވިދާޅުވި އެވެ.

ސެންޓްރަލް ޕެސިފިކުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ކިރިބަތީގައި 33 އަތޮޅު އޮތް އިރު ގިނަ އަތޮޅުތަކުގައި މީހުން އުޅެ އެވެ. އަދި ބިންގަނޑު ތިރި ރަށްތަކަށް ވަނީ ދުނިޔެ ހޫނުވެ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރު ބޮޑުވެފަ އެވެ.