29 ޖެނުއަރީ 2018 - 11:20

ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތު" އަށް ކުރީގެ މަޝްހޫރު ބަތަލާއިން ކަމަށްވާ އާޝާ ޕާރެކް އާއި ހެމާ މާލިނީ އަދި ވަހީދާ ރަހްމާން ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.

"ޕަދްމާވަތު" އާ ދެކޮޅަށް ހިންގަމުންދާ ހަމަނުޖެހުންތަކާ މެދު ހިތްހަމަނުޖެހިފައި ހުރި އާޝާ ޕާރެކް ބުނީ "އިންޑިއާ މީހުން އުޅެނީ މޮޔަވެގެން" ކަމަށެވެ.

އާޝާ ބުނި ގޮތުގައި އޭނާ އަކީ އަބަދުވެސް ބާންސާލީގެ މަސައްކަތް ވަރަށް ކަމުދާ ބަތަލާއެކެވެ. ނަމަވެސް "ޕަދްމާވަތު" މާ ޚާއްސަވެފައި މޮޅުކަމަށް އޭނާ ބުންޏެވެ.

"ފިލްމު ބަލާފައި އަހަންނަށް ނިދަން ވެސް އުނދަގޫވި. އެކްޓަރުން ލައްވާ އޭނާ އެ ކުރުވާ މަސައްކަތަކީ ވެސް ތައުރީފު ހައްގު މަސައްކަތެއް. އަހަރެން ހިތަށް އަރާ އަހަންނަކީ ވެސް 30 އަހަރު ހަގު މީހެއް ނަމަ ކިހާ ރަނގަޅުހޭ ބާންސާލީގެ ބަތަލާއަކަށް ވާން. ދީޕިކާ ޕަދުކޯންގެ ޕާފޯމަންސް ވަރަށް މޮޅު. އެެހެންވެ އަހަރެން ދީޕިކާ އަށް މަރުހަބާ ކިޔަން ބޭނުން. މިއަދު އަހަރެން ރާނީ ޕަދްމާވަތީއާ ބެހޭ ފިލްމެއް އުފެއްދިޔަސް ބަތަލާއަކަށް ދީޕިކާ ނޫން އެކްޓަރެއް ނުނަގާނަން،" އާޝާ ބުންޏެވެ.
ދީޕިކާގެ ޝާހީކަމާއި ނެށުމުގައި ހުރި ފަށުވިކަން އާޝާ ފާހަގަކުރި އެވެ. ރަންވީރުގެ ނުބައިބައި ރޯލު ވަރަށް ބިރުވެރިކަމަށް އޭނާ ބުންޏެވެ.
"އަހަރެން ހިތަށް އަރާ ކަރްނީ ސޭނާ މީހުން މި ހަޅޭއްލަވަނީ ކޮން ކަމަކާ ބާއޭ. ރާޖްޕޫތަށް އިހާނާތްތެރިކަން ލިބޭ ކަހަލަ އެންމެ މަންޒަރެއް ވެސް އެ ފިލްމަކު ނެތް. އޭގެ ބަދަލުގައި އެ މުޖުތަމައުގެ ގަދަރާއި އިއްޒަތް އެ ފިލްމުގައި ބާންސާލީ ދައްކާފައިވަނީ،" އާޝާ ބުންޏެވެ.
"ބާންސާލީ 'ޕަދްމާވަތު' އަށް ކޮށްފައިވާ މަސައްކަތާއި ހާސިލުކޮށްފައިހުރި ކަންތައްތަކަށް އިންޑިއާގެ ތާރީޚުގައި ވެސް ހަނދާން ކުރާނެ. އަދި ބައެއް މީހުން އޭނާ ނުކުރާ ކުށަށް އޭނާއަށް އަދަބުދޭން ކުރަމުންދާ މަސައްކަތް ވެސް ތާރީޚުގައި ލިޔެވޭނެ،" އާޝާ ބުންޏެވެ.
ޑައިރެކްޓަރު ބާންސާލީއަށް ވަހީދާ ރަހްމާންގެ ސިފަތައް ދީޕިކާގެ ކިބައިން ފެނެ އެވެ. ވަހީދާ އަކީ ބާންސާލީއަށް އެންމެ މަގުބޫލު ބަތަލާ އެވެ. "ޕަދްމާވަތު" އަށް ތައުރީފުނުކޮށް ވަހީދާ ރަހްމާނަށް ވެސް ނުހުރެވުނެވެ.
"ކީކޭ އަހަރެން ބުނާނީ. މިހުރީ އަނގައިން ބަސް ހުއްޓިފައި. މިއީ އަބަދުގެ އަބަދަށް މީހުން ހަނދާން ކުރާނެ ފިލްމެއް. ކޮންމެ ފްރޭމެއް ވެސް ވަރަށް ފުރިހަމަ. ހިޔެއް ނުވޭ އެންމެ އެއްޗެއް ވެސް އަސްލު ނޫން ހެނެއް. އެއްވެސް އާޓިފިޝަލް ލައިޓެއް ބޭނުންނުކޮށް އިރާއި ހަނދުގެ އަލިކަން އަދި ދިއްލާފައިވާ ދަންމަރުތައް ދައްކާފައި ހުރިލެއް ވަރަށް ފުރިހަމަ. ފިލްމުގައި ބާންސާލީ ހިމަނާފައިވާ ސެމި-ކްލެސިކަލް މިއުޒިކަކީ ވެސް އިންޑިއާ މީހެއްގެ ހައިސިއްޔަތުން އަހަރެން އެކަމާ ފަޚުރުވެރިވާ ފަދަ މޮޅު މިއުޒިކެއް،" ވަހީދާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި ފިލްމު ތައްޔާރުކޮށްދިނީތީ ބާންސާލީގެ ގަޔަށް ގައު އުކުމުގެ ބަދަލުގައި ޖެހެނީ މަލުގެ ފިޔައިން ފެންވަރުވާށެވެ.
ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އަކީ އިންޑިއާގައި މިހާރު ވެރިކަން ކުރީ ބީޖޭޕީގެ ޕާލަމެންޓް މެމްބަރެކެވެ. ނަމަވެސް "ޕަދްމާވަތީ"އަށް ތައުރީފުކޮށް ވާހަކައެއް ބުނެ ނުލާ އޭނާއަކަށް ވެސް މަޑަކުން ނުހުރެވުނެވެ.
ހެމާ ބުނި ގޮތުގައި ފިލްމާ ދޭތެރޭ ކަންތައްތައް ވަމުން ދަނީ ރަނގަޅަކަށް ނޫނެވެ. ނަމަވެސް އޭނާ ހުރި މަގާމުގެ ގޮތުން މާ ގިނަ ވާހަކަ ދައްކަން އޭނާ އުޒުރުވެރިވި އެވެ. އޭނާއަށް ބުނެވޭ އެއްޗަކުން ނޫސްތަކުގެ ފަލަ ސުރުޚީގައި އޭނާ ދެއްކި ވާހަކަ ލިޔެވިދާނެތީ އެވެ.
"އަހަރެން ބުނެލަން އޮތްހާ ވެސް އެއްޗަކީ މި ރީތި ފިލްމު ބެލިޔަ ނުދޭން ހުރަސްއަޅަމުންދާ މީހުން ހުއްޓުވަން އެބަ ޖެހެޔޭ. 'ޕަދްމާވަތު' އަކީ ހުވަފެނެއް ހަގީގަތަކަށް ވުން. ފިލްމުގެ ކޮންމެ މަންޒަރަކުން ވެސް ފެންނަނީ ފިލްމަށް ކޮށްފައިވާ ބުރަ މަސައްކަތް. އާޓް. ކޮންމެ އެކްޓަރެއް ލައްވާ ވެސް ބާންސާލީ ވަނީ އެ މީހަކަށް ކުރެވޭނެ އެންމެ ފުރިހަމައަކަށް އެކްޓް ކުރުވާފަ. ރަންވީރުގެ ނުބައިބައި. ދީޕިކާގެ ރީތިކަމާއި ޝާހީކަން،" ހެމާ ބުންޏެވެ.