މާޒިޔާ އަށް އިޓަލީ ގޯލްކީޕަރެއް
މާޒިޔާ އަށް އިޓަލީ ގޯލްކީޕަރެއް

މާޒިޔާގެ ގޯލު ބަލަހައްޓަން އެ ޓީމުން އިޓަލީގެ ގޯލްކީޕަރެއް ކަމަށްވާ މައުރޯ ބޮއެޗިއޯ ގެނެސްފި އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާގެ ގޯލު ބަލަހައްޓާފައިވަނީ ކިރްގިސްތާން ގައުމީ ޓީމުގެ ކީޕަރު ޕަވެލް މަޓިއާޝް އާއި ސީރިއާގެ ދެ ވަނަ ކީޕަރު މަހުމޫދު އަލް ޔޫސުފް އެވެ. މި ސީޒަނަށް މާޒިޔާ އިން ގެނެސްފައިވާ ކީޕަރަކީ އިޓަލީގެ ދަށް ޑިވިޝަންތަކުގައި ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔެކެވެ.

އުމުރުން 28 އަހަރުގެ ބޮއެޗިއޯ ވަނީ މީގެ ކުރިން އިޓަލީގެ ނޮޗެރީނާ، ރެނާޓް، ބާރީ، ލެއްކޯ، ޕްރޯ ސެސްޓޯ، އަދި ސަވޯނާ އަށް ކުޅެފަ އެވެ. އިޓަލީގެ ކްލަބްތަކަށް ކުޅުމަށް ފަހު އޭނާ ދެން ފެނުނީ މަލްޓާ އާއި ވަނުއަޓޫ އަދި މޮންގޯލިއާ ލީގުގަ އެވެ.

ބޮއެޗިއޯގެ އިތުރުން މާޒިޔާ އަށް އިތުރު ބިދޭސީ ކުޅުންތެރިން ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

މާޒިޔާ އިން ވަނީ އަންނަ ސީޒަނަށް ޓީސީ ސްޕޯޓްސް ކްލަބުގެ އެޓޭކިން މިޑްފީލްޑަރު ނާއިޒް ހަސަން (ދާދު) އާއި ގްރީން ސްޓްރީޓްސްގެ އުއްމީދީ މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އާއި އަހުމަދު ނިޒާމް އަދި ވެލެންސިއާގެ ޑިފެންޑަރު މުޖްތާޒް މުހައްމަދު (މުޖޭ) ގެނެސްފަ އެވެ. އަދި ނިއު ރޭޑިއަންޓަށް ކުޅުނު ފާރޫގު އިސްމާއިލާއި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތ. ތިމަރަފުށީ ޓީމަށް މޮޅު ކުޅުމެއް ދެއްކި އާދަމް ނާސިހުގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާގެ ޒުވާން ޓީމަށް މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޖުނައިދު ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

މީގެ އިތުރުން އެ ޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު އަސަދުﷲ އަބްދުﷲ، މޫސާ ޔާމީން (ޔާމްބެ)، މުހައްމަދު އިރުފާން (އިރޭ)، ސަމޫހު އަލީ (ސަމުއްޓެ)، ޔަސްފާދު ހަބީބު (މުލަކޭ)، ގާސިމް ސައްމާމު (ސައްމެ)، ހަސަން ޝިފާޒް (ޑުންގާ)، އިސްމާއިލް އީސަ އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ފުރަތަމަ އިޜުޝާދުދިނީ މެސެޑޯނިއާގެ ކޯޗު މަރްޔާން ސެކުލޮސްކީ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމުމުން ދެން އެ ޓީމާ ހަވާލުވީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ.