ބޭރު ގައުމުތަކުގައި "ޕަދްމާވަތު" އަށް ބޮޑު ތަރުހީބެއް ލިބޭތީ ރަންވީރު އުފަލުން
ބޭރު ގައުމުތަކުގައި "ޕަދްމާވަތު" އަށް ބޮޑު ތަރުހީބެއް ލިބޭތީ ރަންވީރު އުފަލުން

"ޕަދްމާވަތު" އަށް ޖެހުނު ހާލަށް ބަލާއިރު ފިލްމަށް މިހާރު ލިބެމުން އަންނަ ވަރުގެ ތަރުހީބެއް ލިބިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއް ނުކުރެ އެވެ. އަދި ފިލްމު ރިލީޒް ކުރެވިދާނެ ކަމާ މެދު ޝައްކު ކުރި މީހުން ވެސް ގިނަ އެވެ.

ހުރިހާ ހުރަހެއް ގިރާކޮށް އެންމެ ފަހުން "ޕަދްމާވަތު" މި ވަނީ ރިލީޒްކޮށްފަ އެވެ. އަދި ފިލްމުގެ ތަރިންނާއި ޑައިރެކްޓަރަށް ހަމަޖެހުމުގެ ފުން ނޭވާއެއް މިހާރު ވަނީ ލެވިފަ އެވެ. ފިލްމުގެ ވިޔަފާރިއަށް ބަލާއިރު އިންޑިއާއަށް ވުރެ ބޭރު ގައުމުތަކުގައި "ޕަދްމާވަތު"ގެ ވިޔަފާރި ވަކިން ދެރައެއް ނޫނެވެ. ފިލްމު އަންނަނީ ރެކޯޑް އަދަދެއްގެ ކާމިޔާބުތައް ހޯދަމުންނެވެ.

އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު ފިލްމު "ބަހޫބަލީ 2" އާއި އާމިރު ޚާންގެ "ދަންގަލް" އަށް ވުރެ ބޭރު ގައުމުތަކުގައި "ޕަދްމާވަތު" އަށް ލިބެމުންދާ ތަރުހީބު މާ ބޮޑެވެ.

ފިލްމުގެ ވިޔަފާރި ރަނގަޅުކަމުން އުފަލުން ހުރި ރަންވީރު ސިންގް ބުނި ގޮތުގައި އޭނާއަށް އުފަލުން ގޮސް ބުނާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެެވެ. އިންޑިއާގެ ފިލްމުތަކަށް ހުޅަނގުގައި އެކަށީގެންވާ މަގާމެއް ނުލިބުމަކީ އޭނާ އަބަދުވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި "ޕަދްމާވަތު" އަށް ހުޅަނގުގެ ގައުމުތަކުން ލިބެމުންދާ ތަރުހީބުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށް ވެސް ރަންވީރު ބުންޏެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނި ގޮތުގައި "ޕަދްމާވަތު" އަށް ބޭރު ގައުމުތަކުން ލިބޭ ތަރުހީބު ވަނީ މައްޗަށް ގޮސްފަ އެވެ.

ތަރަން ބުނި ގޮތުގައި އޮސްޓްރޭލިޔާގައި "ޕަދްމާވަތު" އަށް ލިބެމުންދާ ބޮޑު ތަރުހީބަކީ ފިލްމު މޮޅުކަމާ އެކު އެ ފިލްމު މާކެޓް ކުރުމަށް ގެންގުޅެފައިވާ އުކުޅުތަކުގެ ސަބަބުންނެވެ.

އިނގިރޭސި ވިލާތާއި އެމެރިކާ އަދި ކެނެޑާ ފަދަ ގައުމުތަކުގައި ވެސް "ޕަދްމާވަތު" ގެ ވިޔަފާރި އުޅެނީ ރެކޯޑް އަދަދު ތަކެއްގަ އެވެ. އަދި މެދުއިރުމައްޗާއި ޕާކިސްތާން ފަދަ ގައުމުތަކުގައި ވެސް ފިލްމު ވަރަށް ރަނގަޅު ހިނގަމުން އެބަދެ އެވެ.

އިންޑިއާ އިން ފުރަތަމަ ތިން ދުވަހުގެ ތެރޭގައި "ޕަދްމާވަތު" އަށް 56 ކްރޯޑު ލިބިފައިވެ އެވެ. އަދި އާދިއްތަ ދުވަހު ފިލްމު ބަލަން ވަންނަ މީހުން މާ ބޮޑަށް އިތުރުވެގެން ދާނެކަމަށް އުންމީދު ކުރެވެ އެވެ.