ސުޝްމިތާ ސެން އަނެއްކާވެސް ފިލްމު ކުޅެން ތައްޔާރު
ސުޝްމިތާ ސެން އަނެއްކާވެސް ފިލްމު ކުޅެން ތައްޔާރު

ކުރީގެ މިސް ޔުނިވާސް ސުޝްމިތާ ސެން އެންމެ ފަހުން ބޮލީވުޑް ފިލްމަކުން ފެނިފައި ވަނީ 2010 ގައި ނުކުތް "ނޯ ޕްރޮބްލަމް" އިންނެވެ. އޭގެ ފަހުން ފާއިތުވީ ހަތް އަހަރު ދުވަހުގެ ތެރޭގައި ސުޝްމިތާ އެއްގޮތަކަށް ވެސް ފިލްމީ މައިދާނަކުން ނުފެނެ އެވެ. ނަމަވެސް މިހާރު އަނެއްކާވެސް އާ ފެށުމަކުން ފިލްމު ކުޅެން ފަށަން ގަސްތުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސުޝްމިތާ ބުނި ގޮތުގައި ފާއިތުވީ ހަ މަހެއްހާ ދުވަހުން ފެށިގެން އޭނާ ދަނީ ބޮލީވުޑް އެނބުރި އައުމަށް ސީރިއަސް ކަމާއެކު ވިސްނަމުން އަދި އެކަމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ވަރަށް ރަނގަޅު ސްކްރިޕްޓްތަކެއް ލިބިފައިވާ ކަމަށާއި އެ އެއްޗެތި ބަލަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އަހަރަކުން ހަ މަސް ދުވަސް ފިލްމު ކުޅުމަށް އަހަރެން ތައްޔާރު. އަހަރެން ތައްޔާރަކަށް އަހަރެން ބޭނުންވާ ކަހަލަ ސްކްރިޕްޓެއް ތައްޔާރެއް ނޫން،" ސުޝްމިތާ ބުންޏެވެ.

ސުޝްމިތާ ބުނީ އޭނާގެ ހަޔާތުގައި އެންމެ ބޭނުންވާ ކަމަކީ ފިލްމީ ތަރިއަކަށް ވުމެއް ނޫނެވެ. ވީހާވެސް ގިނަ ބަޔަކާ ގުޅުން ބަދަހި ކުރުމެވެ.

ސުޝްމިތާ އަކީ ވަރަށް ގިނަ ޚައިރާތު ފައުންޑޭޝަންތަކުގައި މަސައްކަތްކޮށް ފަގީރު ކުދިންނަށް އަޅާލާ އެކުދިންނަށް ކިޔަވައިދިނުމަށް އެހީތެރިވާ އެކްޓަރެކެވެ. ސުޝްމިތާ ކައިވެންޏެއް ނުކުރި ނަމަވެސް އޭނާ ވަނީ 2000 ގައި އެއް އަންހެން ކުއްޖަކު އަދި 2010 ގައި އެއް އަންހެންކުއްޖަކު އެޑޮޕްޓްކޮށްފަ އެވެ.

ސުޝްމިތާ ބުނި ގޮތުގައި ޗެރިޓީ ކަންތައްތަކުގަޔާއި ކުދިންގެ ކަންތައްތަކުގައި ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން ފިލްމު ކުޅުމަށް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި އަހަރަކުން ހަ މަސް ފިލްމު ކުޅުމަށް ހުސްކުރަން ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ.