28 ޖެނުއަރީ 2018 - 10:27

ޕެރިސް (ޖެނުއަރީ 28) - ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން ޒަލަޓަން އިބްރަހިމޮވިޗް ހަދާފައިވާ ރެކޯޑް އެ ޓީމަށް ކުޅޭ އުރުގުއޭ ފޯވާޑް އެޑިސަން ކަވާނީ މުގުރާލައިފި އެވެ.
އިބްރަހިމޮވިޗް ރެކޯޑް ހެދީ ޕީއެސްޖީ އަށް 156 ލަނޑު ޖަހައިދީގެންނެވެ. އެކަމަކު މޮންޓެޕިއޭ އަތުން ޕީއެސްޖީ 4-0 އިން ރޭ މޮޅުވި މެޗުގައި ކަވާނީ ޖެހި ގޯލާ އެކު އޭނާ ވަނީ 157 ގޯލު ހަމަކޮށްފަ އެވެ.
"މިއީ ވަރަށް ހާއްސަ ވަގުތެއް. އަހަރެންގެ ހަޔާތުގައި ވެސް ފާހަގަކޮށްލެވޭނެ ވަގުތެއް. ހަޔާތުގައި ވަރަށް މަދު ފަހަރަކު ގިނަ ބަޔެއްގެ ތަރުހީބު އެއް ވަގުތެއްގައި ލިބޭނީ. މިއީ އަހަންނަށް އެ ފަދަ ތަރުހީބެއް ލިބޭ ވަގުތެއް،" ރޭގެ މެޗަށް ފަހު ޗެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ކަވާނީ ބުންޏެވެ.
ޕީއެސްޖީ އަށް އަނެއް ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ ނޭމާ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީ އަކުން ނޭމާ ކާމިޔާބުކުރި ގޯލެކެވެ. އަނެއް ލަނޑު ކާމިޔާބުކުރީ އެންހެލް ޑި މާރިއާ އެވެ.
ނޭމާ ބުނީ ޕީއެސްޖީގެ ޕެނަލްޓީ ޖެހުމުގެ ޒިންމާ އޭނާއާ ހަވާލުކޮށްފައިވަނީ އެ ޓީމުގެ ކޯޗު އުނާއި އެމެރީ ކަމަށެވެ.
"އެއީ ކޯޗު އަހަންނަށް ދިން ޒިންމާއެއް. އަހަރެން އެއް ގޮތަކަށް ވެސް ނުފޫޒުން ހޯދި ކަމެއް ނޫން. ކޮންމެ ޓީމެއްގައި ވެސް ގޮތް ނިންމާނީ ކޯޗު. ދެން ވަކި ހާލަތްތަކުގައި ކެޕްޓަން،" ނޭމާ ބުންޏެވެ.
މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާ ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ނޭމާއާ ކުރި ސުވާލުތަކަށް އޭނާ ޖަވާބެއް ނުދެ އެވެ.
ރޭގެ މެޗުން މޮޅުވުމުން ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 23 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ލިޔޯނަށް ވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ އެވެ.