ރެއާލް ކުރިން އޮތް ހިސާބަށް ގެންދެވޭނެ: ޒިދާން
ރެއާލް ކުރިން އޮތް ހިސާބަށް ގެންދެވޭނެ: ޒިދާން

މެޑްރިޑް (ޖެނުއަރީ 28) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ވެލެންސިއާ އަތުން 4-1 އިން މޮޅުވުމުން ރެއާލް މެޑްރިޑް ކުރިން އޮތް ހިސާބަށް ގެންދެވޭނެ ކަމުގެ އުއްމީދު އާ ވެއްޖެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

ފަަހަކަށް އައިސް ރެއާލްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ޒިދާންގެ މުސްތަގުބަލެއް ނެތް ކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ. އަދި ޒިދާން ވެސް ވަނީ އަންނަ މަހު ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތަކަށް ފަހު އޭނާ އަށް ރެއާލުގެ ކޯޗުކަން ގެއްލިދާނެ ކަހަލަ އިޝާރާތެއް ދީފަ އެެވެ.

"މިއީ ބޮޑު މެޗެއް. ވަރުގަދަ ޓީމަކާ ދެކޮޅަށް ރަށުން ބޭރުގައި އަހަރެމެން ކުޅުނީ. އަހަންނަށް މި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމުން ހިތްވަރު ލިބިއްޖެ. އެއީ މި ޓީމުގައި އަދިވެސް ރޫހު އެބައޮތްކަން އެބަ އެނގޭ. މި ޓީމަކީ މީގެ ހައެއްކަ މަސް ކުރިން ޔޫރަޕްގެ ޗެމްޕިއަން. އޭރު ދެއްކި މޮޅު ކުޅުން އަލުން ދެއްކޭނެ،" ޒިދާން ބުންޏެވެ.

ވެލެންސިއާ ދަނޑުގައި ރޭ ރެއާލް މޮޅުވިއިރު އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ދެ ޕެނަލްޓީންނެވެ. މިއާ އެކު ރޮނާލްޑޯ މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ. ރޮނާލްޑޯ ވަނީ ފާއިތުވި ނުވަ ސީޒަނުގައި ރެއާލަށް ކޮންމެ ސީޒަނެއްގައި މަދުވެގެން 20 ގޯލު ޖަހައިފަ އެވެ.

ރެއާލުގެ އަނެއް ދެ ގޯލު ޖެހީ މާސެލޯ އާއި ޓޮނީ ކްރޫސް އެވެ. ވެލެންސިއާގެ ހަމައެކަނި ގޯލު ޖެހީ މިނާ ލޮރެންޒޯ އެވެ. މި މެޗުން މޮޅުވުމުން ރެއާލް ވަނީ މިދިޔަ އޮކްޓޫބަރު 14 ވަނަ ދުވަހަށް ފަހު ލީގުގައި ރަށުން ބޭރު ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފަ އެވެ. އަދި މި މެޗުގައި ރޮނާލްޑޯ އާއި ގަރެތު ބޭލް އަދި ކަރިމް ބެންޒެމާ އެއްކޮށް ފުރަތަމަ 11 ގައި ހިމެނުނުއިރު، މިއީ މި ތިން ކުޅުންތެރިން 279 ދުވަހަށް ފަހު އެކުގައި ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗުން މޮޅުވުމުން ރެއާލް ވަނީ ތިން ވަނަ މަގާމާ ދެ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ރެއާލް ހަތަރު ވަނައިގައި އޮތީ 20 މެޗުން 38 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ވެލެންސިއާ އަށް 21 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ.