މެކްއޯއެސް މުޅިން 64-ބިޓް އަށް ބަދަލުކުރަނީ
މެކްއޯއެސް މުޅިން 64-ބިޓް އަށް ބަދަލުކުރަނީ

އެޕަލް ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2017 ގައި މި ވާހަކަތައް ވަނީ ދައްކާފަ އެވެ. މެކިންޓޮޝް ކޮމްޕިއުޓަރުތަކުގެ އޮޕަރޭޓިން ސިސްޓަމް، "މޮކްއޯއެސް"، މުޅިން 64-ބިޓަށް ބަދަލުކުރާ ވާހަކަ އެވެ. ކުރަން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން ޑިވެލޮޕަރުންނާ މަޝްވަރާކޮށް ވަނީ މައުލޫމާތު ވެސް ދީފަ އެވެ.

އެޕަލް އިން ބުނި ގޮތުގައި މެކްއޯއެސް ދެން 32-ބިޓް ސޮފްޓްވެއާ އެޕްލިކޭޝަންތަކަށް ސަޕޯޓްނުކޮށްފާނެ އެވެ. އެހެންވެ، ޑިވެލޮޕަރުން ވިސްނައި ގޮތެއް ނިންމަން ޖެހެ އެވެ. "މެކްއޯއެސް ހައި ސިއެރާ" އަށް ފަހު، މެކްއޯސް 64-ބިޓް މާހައުލަކަށް ބަދަލުކުރާނެ އެވެ. އެ ކަމަށްޓަކައި އެޕަލް ތެރޭގައި ކުރަން ހުރި މަސައްކަތްތައް ކޮޅެއްގައި ޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

މެކްއޯއެސް 32-ބިޓް ސޮފްޓްވެއާ މާހައުލު ދޫކޮށްލަން އެޕަލް ކުރާ މަސައްކަތުގައި، މެކްއޯއެސް ބޭނުންކުރާ މީހުންނަށް އިންޒާރީ "ނޮޓިފިކޭޝަން"ތަކެއް ދައްކާނެ އެވެ. އެ ގޮތުގައި 32-ބިޓް އެޕްލިކޭޝަނެއް ހުޅުވާލަން މައުސް ފިތާލުމާ އެކު، މެކްއޯއެސްގައި އެ އެޕްލިކޭޝަން ބޭނުންނުކުރެވިދާނެ ކަމަށް ސަމާލުވުމަށް ބުނެދޭނެ އެވެ. އޭގެ ބަދަލުގައި ބޭނުންކުރެވެން ހުރި އެޕްލިކޭޝަންތައް، މެކް އެޕް ސްޓޯރުން ހޯދަން ނުވަތަ ޑިވެލޮޕަރުންނާ ގުޅައިގެން އެހެން ގޮތެއް ހޯދަން އިރުޝާދުދޭނެ އެވެ.

އެޕަލް އިން މީގެ ދުވަސްތަކެއް ކުރިން ވަނީ އައިފޯން 32-ބިޓް ސަޕޯޓް މުޅިން ހުއްޓާލާފަ އެވެ. އައިއޯއެސް 64-ބިޓް އަށް ބަދަލުކުރުމަށް ކުރި މަސައްކަތުގައި ވެސް، އެ ޑިވައިސްތައް ބޭނުންކުރާ މީހުން ހޭލުންތެރިކުރުވުމަށް އެޕަލުން ހަލުއި މަސައްކަތްތަކެއް ކުރި އެވެ. އެޕަލްއިން ކަނޑައެޅި ލަނޑުދަނޑި ހާސިލުކުރުމަށް ޑިވެލޮޕަރުންނަށް ޚާއްސަ އިނާޔަތްތަކެއް ވެސް ވަނި ދީފަ އެވެ.

މެކްއޯއެސް 64-ބިޓް އަށް ބަދަލުކުރުމުގައި ވެސް، އެޕަލްއިން ކުރަން ހުރި މަސައްކަތްތަކަށް ވުރެ ބުރަ މަސައްކަތްތައް ސޮފްޓްވެއާ އުފައްދާ ކުންފުނިތަކުން ކުރަން ޖެހޭނެ އެވެ. މިހާރު ބޭނުންކުރާ 32-ބިޓް ހުރިހާ އެޕްލިކޭޝަނެއް 64-ބިޓް އަށް ބަދަލުކުރުމަށްޓަކައި، އެ އެޕްލިކޭޝަންތައް އަލުން ލިޔުން ނުވަތަ އެހެން "ކޮންވާޝަން މީޑިއަމް"އެއް ބޭނުންކުރުން އިޚުތިޔާރީ ކަމެއް ގޮތުގައި އަދި އޮތް ނަމަވެސް، 64-ބިޓް އެޕްލިކޭޝަނެއް ނޫން ނަމަ އެޕަލްއިން އެ ސޮފްޓްވެއާ ބަލައިނުގަންނާނެ ދުވަހެއް އަންނާނެ އެވެ.