28 ޖެނުއަރީ 2018 - 06:08

ބުދަ ދުވަހާ ގުޅޭ
"ހަނާ ތި އުޅެނީ އެހެން ދުނިޔެއެއްގަ،" އާރިފުގެ ރާގުގައި ފޫއްސަށް ވުރެ ބޮޑަށް އެކުލެވިފައިވީ މާޔޫސްކަމެވެ. "އަހަރެން މި އުޅެނީ އެހެން ދުނިޔެއެއްގަ. ހަނާއަށް އެންމެ ރަނގަޅުވާނީ އަހަރެން ދޫކޮށްލާފަ، ހަނާ ތި ގަބޫލުކުރާ މިންގަނޑުގެ ތެދުވެރި އެހެން މީހެއް ހޯދިއްޔާ! ހިނގާ ބަލަމާ މީ އަހަރުމެންގެ އެންމެ ފަހު.."
އާރިފު އެ ހިސާބަށް ބުނާއިރަށް އޭނަގެ ގައިގައި ނިކަން ބާރަށް އަހަންނަށް ބައްދައިލެވުނެވެ. ދިޔަނުދިނުމަށް ޓަކައެވެ. އެހެންނަމަވެސް، ހިތަކީ ދެ އަތުން ހިފެހެއްޓޭ އެއްޗެއް ނޫނެވެ. ދެ ހިތް ގުޅުވައިދެނީ ނުފެންނަ ވާފަށްތަކަކުންނެވެ. އެއީ ލޯތްބާއި، އިތުބާރެވެ. ތެދުވެރިކަމާއި އިޙުތިރާމެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އާރިފުގެ ތެދުވެރިކަމާ ދޭތެރޭގައި އަހަރެންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ޝައްކުގެ ކަތުރުން ހުރިހައި ވަލެއް ކޮށި ނިމިއްޖެއެވެ. ގެ އަށް އަހަރެން ބާލައިފައި އާރިފު ދިޔައީއެވެ. ހުއްޓުވަން އަހަންނަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ދެރަނުވާން ހުއްޓައި ފެންކަޅިވިއެވެ. ނުރޯން ހުއްޓައި ގިސްލެވެން ފެށިއެވެ. ހިތްވަރުކޮށްލައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އަހަންނަކީ ޒާތްކޮޅު ބޮޑު މީހަކީ ހެއްޔެވެ؟ ނުބެހެންވާ ކަންކަމާ ބެހެވެނީ ހެއްޔެވެ؟ ފޯނު ރަނގަބީލުވާން ފެށުމުން ބަލައިލިއިރު އާރިފުގެ ކޯލެކެވެ. ނަގަންނުނަގަން އިނދެފައި ނެގީމެވެ.
"އެބައޮތް ގޮތެއް،" އާރިފު ވާހަކަދެއްކީ ރާޅުގެ އަޑު އިވޭ ތަނެއްގައި ހުރެފައެވެ. "މެރީކުރަންދެން އަހަރެން މި ކަން ކުރިޔަސް ހެޔޮތަ؟ މެރީކޮށްފަ ހުއްޓާލާނަން."
އެއްފަހަރު ދޮގުހެދި މީހަކަށް އިތުބާރުކުރުމަކީ އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އަނެއްކޮޅުން، ހަލާލު ކައިވެންޏެއް ކުރަން ހަރާން ލާރި ޚަރަދުކުރާނެ ގޮތެއް އަހަންނަކަށް ނުވިސްނެއެވެ. ޖަވާބެއް ނުދީ ވިސްނަން އަހަންނަށް އިނދެވުނީއެވެ.
"އޮޔާ ދެކޮޅަށް ފަތަން ނޫޅެބަލަ ހަނާ! މި ޒަމާނުގަ ކާކުތަ މިހެން ލާރި ނުހޯދަނީ؟" އާރިފު ބުންޏެވެ.
"އާރިފަކަށް ތި ކަމެއް ނުހުއްޓޭނެ،" އަހަރެން ބުނީމެވެ."އަހަންނަކަށް ތި ކަމެއް ބަލައެއް ނުގަނެވޭނެ. ބަލައިގަނެވޭނެ ބައިވަރު އަންހެނުން އުޅޭނެ. އެ ކަހަލަ މީހަކު ހޯދާ!"
"އަދި އެއްފަހަރު ވިސްނާލާ!" އާރިފު އެދުނެވެ."މައްސަލައެއް ނެތް މަ މީ ރިޝްވަތު ނަގާ މީހާ. ގޯސް މީހާ. ކިތައް މީހުންނާ މިހާރު ރައްޓެހިވެއްޖައިން؟ ބޭނުންވެގެން ތި އުޅޭ ކަހަލަ މީހަކާ ދިމާވެއްޖެތަ؟ ނުވާނެ! ކީއްވެ؟ ނޫޅޭނެ ތި ބޭނުންވާ ކަހަލަ މީހެއް. ދެން މީހަކާ ނީނދެ ހުންނަނީ؟ އަހަންނަށް އެނގޭ ހަނާއަކީ ކިހާ ރަނގަޅު ކުއްޖެއްކަން. މީހުން އެ ކަމެއް ނުދަންނާނެ. މަލާމާތް ކުރާނީ."
"ހެޔޮ!" ކުރު ޖަވާބެއް ދީފައި އަހަރެން ފޯނު ބޭއްވީމެވެ.
އަހަރެން ބޭނުން ނަމަ އާރިފު ބޭޒާރުކޮށްލެވުނީހެވެ. ގޭގެ އެންމެން އޭނަދެކެ ފޫހިވާ ވަރު ކުރެވުނީހެވެ. ނުވާތާކަށް އޮފީހުން ކަނޑައިލައި، އަދަބެއް ވެސް ދެވުނީހެވެ. އެ އިން އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. މީހަކަށް ދެރައެއް ނުދޭން ކުރެވެން އޮތް ހުރިހައި ކަމެއް ކުރެވޭތޯ އަހަރެން ބަލަމެވެ. އަހަރެންގެ ފިރިޔަކަށް ވާ މީހާ އަހަންނަށް ޓަކައި ފަޚުރުވެރި ވާނެއެވެ. އުފަލުގައި އުޅޭނެއެވެ. ޝަކުވާއެއް ކުރާނެ އެއްވެސް ފުރުޞަތެއް ނުދޭނަމެވެ. ހިތާމައަކީ އެ ވަރު ދަންނަ ފިރިހެނަކާ ދިމާ ނުވިކަމެވެ.
އާރިފު ގެޔަށް ނާންނަން ފެށުމުން ގޭގެ އެންމެންނަށް ޙަޤީޤަތް އެނގުނެވެ. އެހާ ރަނގަޅު މީހަކާ ވެސް ރައްޓެހިވެގެން އަހަންނަށް ނޫޅެވުނު ކަމަށް ވިއެވެ. ގޯސްވީ އަހަންނެވެ. އެންމެން ތިބީ އާރިފަށް ވިކިފައެވެ. ބައްޕަ ގާތުގައި ވެސް އާރިފަށް ބުނަން ކެރުނީ އަހަރެން ރުޅިވި ވާހަކަ އެކަންޏެވެ. ސަބަބު ބުނާކަށް ނުކެރުނެވެ. މަންމަގެ ނަޒަރުގައި އާރިފު ކަހަލަ ހިތްހެޔޮ، އެންމެންނާ ގުޅޭ، ކިބުރުވެރިކަމެއް ނެތް، ރަނގަޅު މީހަކު ލިބުނީމަ ވެސް އަހަރެން އެ ވަރެއް ނުދަތެވެ.ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. އަހަންނަށް ކެރޭ ނަމައެވެ. އާރިފުގެ ޙަޤީޤަތް ކިޔައިދޭހާ ހިތްވަރު ލިބޭނެ ނަމައެވެ.
އެހެން މީހުންނަށް ކަމުދާ މީހުން ފެންނައިރު އަހަންނަށް ކަމުދާ މީހަކު ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން އިންނާނީ ކާކާ ހެއްޔެވެ؟ މައްސަލައަކީ އަހަރެން ކަމުގައި ވެސް ހީކުރެވެއެވެ. އަމިއްލައަށް ބޮލުގައި ތުހުމަތު އެޅުވެއެވެ. އާރިފަކީ އަހަރެން ދެކެ ނުލާހިކު ލޯބިވާ މީހެކެވެ. އޭނަޔާ އެއްކޮށް ވެސް އަހަންނަކަށް ނޫޅެވުނެވެ. ހަތަރު މީހުން ގޯހެއް ނުވާނެއެވެ. އަސްލު މައްސަލައަކީ އަހަންނެވެ. އަހަރެންގެ އުސޫލުތަކެވެ. މާ ބޮޑަށް ވެސް އަހަރެންގެ ޒާތްކޮޅު ބޮޑީއެވެ. އަލުން އެނބުރި އާރިފު ގާތަށް ދާން އަހަރެންގެ ހިތް ބޭނުންވިއެވެ. ހިތް ބުންޏެވެ. ތިޔަ ހޯދަނީ އަލިފެކެވެ. މި ޒަމާނުގައި އެ ފަދަ މީހަކު ނުލިބޭނެއެވެ. ކޮންމެ މީހެއްގެ ވެސް ނުރަނގަޅު އާދަތައް ހުންނާނެއެވެ. އާރިފު ދޫކޮށް ނުލާށެވެ. އެކަމަކު ސިކުނޑި އެއްބަހެއް ނުވިއެވެ. އަހަރެންގެ އަމިއްލަ ނަފުސާއި ހިތް އެއްގަލަކަށް ނޭރިއެވެ.
ހަތަރު ކޫރުންއެޅިފައިވާ ހިތުގައި ފިރުމައިލައިފައި ހިންދަމައިލީމެވެ. ވޭންހުރި ކަމެކެވެ. މަތިމަތިން ހިނިތުންވެލައިގެން އަހަރެން އުޅުނީމެވެ. ލޯބިވެރިން ލޯބިން އުޅޭތަނާއި ދެމަފިރިން އެކުގައި އުޅޭތަން ފެނުމުން އެ މަންޒަރު ދެކެން ލޮލަކަށް ކުޅަދާނައެއް ނުވެއެވެ. ލޯބީގެ ވާހަކަތަކާއި ފިލްމުތަކުން ހިތަށް އުފާވެރިކަމެއް ނުލިބެއެވެ. ލޮލަށް ޖަމާވަމުންދިޔައީ ކަރުނައެވެ. އެކަކަށް ވެސް އަހަރެންގެ ހިތެއް ނުފެންނާނެއެވެ. ފެންނަނީ ހުސްހަށިބަޔަށް ހުރި އަންހެނެކެވެ. މީހަކާ އިންނަން "ބޭނުން ނުވާ" އަންހެނެކެވެ.އަހަރެންގެ ބުރިކަށީގައި ފިރުމައިލުމުގެ ބަދަލުގައި ކުރުމަތިކުރަނީ ސުވާލުތަކެވެ. މީހަކާ ނީނދެ ހުއްޓައި މުސްކުޅިވާކަން އެނގޭ ހެއްޔެވެ؟ ތިޔައީ ތާން ނުދޮންނަ ބާ ފޮތިގަނޑެއް ހެއްޔެވެ؟ ކަމުދާ ފެންވަރުގެ މީހަކު ނުފެންނަނީ ހެއްޔެވެ؟ ސަމާސާއަށް ބުނެލާ ކުރުކުރު ޖުމުލަތަކެވެ. ތުނޑު ތޫނު ތީރުތަކެއް ކަމާއި ހެރެނީ ހިތަށްކަމެއް އެ މީހުންނަކަށް ނޭނގެއެވެ.
އާރިފުމަތިން ހަނދާންނައްތާލާކަށް އުނދަގުލެއް ނުވިއެވެ. އެކަމަކު، އަނެއްކާ ސުމަކުން ފަށާކަށް ފަސޭހައެއް ނުވިއެވެ. އަހަންނަށް އެނގެއެވެ. ކައިވެންޏާ ނުލައި އިންސާނާގެ ދިރިއުޅުން ފުރިހަމައެއް ނުވެއެވެ. މަރުވުމުގެ ކުރިން އަހަރެން އަންބަކަށް ވާންޖެހެއެވެ. މަންމައަކަށް ވެސް ވާން ބޭނުމެވެ. އެހެންނަމަވެސް ފިރިހެންވަންތަ، ހުސްހަށިބައި ފިރިހެނުންމާލެއިން ހުސްވީ ހެއްޔެވެ؟ އަހަންނަކަށް ދިމައެއް ނުވިއެވެ. ކަމުދާ މީހެއް ފެނިއްޖެއްޔާ ވަނީ މީހެއްގެ ފިރިޔަކަށެވެ. އެ ފަދަ މީހުންގެ ދަޢުވަތު ވެސް ލިބުނެވެ. ހިތަށްއެރިއެވެ. ދެވަނަ އަންބަކަށް ނުވާނަމެވެ. މީހެއްގެ ފިރިއެއް ޖަހައިގަންނާކަށް ވެސް ހިތެއް ނުރުހުނެވެ. ވީމާ، މާވަހަރެއް ލައްގާނެ ކަމުގެ އިންތިޒާރުގައި ގޮނޑުދޮށުގައި އިނީއެވެ.
އެއްދުވަހަކު ހަވީރު ގެއަށް މާބޮނޑިއެއް އައެވެ. މާބޮނޑިޔާ ހަވާލުވީ އަހަންނެވެ. އޭގައި ޖަހައިފައި އޮތީ އަހަރެންގެ ނަމެވެ. ދެން އޮތީ ނުދަންނަ ފޯނު ނަންބަރެކެވެ. އަހަރެން އެ ނަންބަރަށް ގުޅަން އުޅެފައި ޚިޔާލު ބަދަލުވެގެން އެ ކަމެއް ނުކުރަމެވެ. އެކަމަކު، ފޯނުގައި ނަންބަރު ރައްކާކުރީމެވެ. ނަމަކަށް ޖެހީ "ބޮކޭ" އެވެ. އެ ރެޔަކީ މަންމަ އަނބުރައިގަނެގެން އެ ކަމާ އެންމެން ތެޅިފޮޅުނު ރެޔެކެވެ. ހޮސްޕިޓަލަށް އައިސްފައި ވިސްނައިލެވުނުއިރު އަހަންނަކަށް ދަބަހެއް ނުގެނެވެއެވެ. ފޯނު ދެވުނީ ކޮއްކޮ އަތަށެވެ. އޭނަ ގެންގުޅުނު ދަބަސް ވަރަށް ބޮޑެވެ. އިމަންޖެންސީ ރޫމަށް މަންމަ ވައްދައިފައި އެއްބަޔަކު ތިބީ ބޭރުގައެވެ.
"ބޮކޭއޭ؟" ކޮއްކޮ ބުނި އަޑު އިވުނެވެ.
އަހަރެން ބަލައިލިއިރު ފޯނު ދިއްކޮށްގެން އަނގަޔަށް ވައްތަރެއް ޖައްސައިގެން ކޮއްކޮ ހުއްޓެވެ. އަހަރެން ފޯނު ހިފައިގެން ދުރަށް ޖެހިލީމެވެ.
"ހަލޯ!" އަހަރެން ބުނީމެވެ.
"ހަނާ!" ވަރަށް ހިތްގައިމު ބަރު އަޑެކެވެ. "ކިހިނެއް ހާލު؟"
މުޅި މާލޭގައި، ރެޔާއިދުވާލު އަތްފުނާއަޅައިގެން ވެސް ކަމުދާ ފިރިހެނަކު ނުލިބިގެން އުޅެނިކޮށް އޮޔާ އައިސް މީހަކު ލައްގަފާނެ ހެއްޔެވެ؟ އެއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟
"ކާކު ބާ؟" އަހަރެން އެހީމެވެ.
"ހަންނާން!" ފޮރުވަން އެއްވެސް މަސައްކަތެއް ނުކޮށް އޭނަ ނަން ބުންޏެވެ. "ބޮކޭ ކަމަކުނުދިޔަ ދޯ؟ ގުޅާނުލީމަ. ދިނިން ނަންބަރު ވެސް."
އެ އަޑުގައި ވަނީ ޖާދޫއެކެވެ. އެސްފިޔަތައް ބަރުކުރާ، ހިތަށް އަސަރުކުރުވާ ކަހަލަ މަސްތެކެވެ. ބޭނުންވީ އަޑުއަހަން ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދައްކާށެވެ.
"ހަލޯ!" އަހަރެން ވާހަކައެއް ނުދެއްކުމުން ހަންނާނު ބުންޏެވެ. "މާ ބިޒީ ގަޑިއަކީތަ؟"
ފޯނު ބާއްވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވާހަކަދައްކާކަށް ފަސޭހައެއް ވެސް ނޫނެވެ. އިމަޖެންސީ ރޫމްގެ ދޮރު ހުޅުވައިލައިފައި ބައްޕަ ނުކުތްތަން ފެނުނެވެ.
"މަންމަ ކުޑަކޮށް އިމަޖެންސީވެގެން ހޮސްޕިޓަލުގަ މި އުޅެނީ.." އަހަރެން ބުނީމެވެ.
"އެހެންތަ؟" ވަރަށް ސީރިޔަސް ވެފައި ހަންނާނު ބުންޏެވެ. "ވަރަށް ބޮޑަށް ސޮރީ. މަންމަ ކިހިނެއް މިހާރު؟"
"މަ ފަހުން ގުޅާލާނަން އިނގޭ." އަހަރެންނަށް މަޖުބޫރުވީ ފޯނު ބާއްވާށެވެ.
މަންމަ ހޭއަރައި، ހުރިހައި ކަމެއް ހަމަޔަކަށްއެޅިގެން ގެޔަށް ވަދެވުނުއިރު ރޭގަނޑު އެގާރަގަޑި ބައި ވެއްޖެއެވެ. އެ ގަޑީގައި ހަންނާނަށް ގުޅާކަށް ނުކެރުނެވެ. ފޯނުން ނެޓަށް ވަންއިރު ވައިބާއިން މެސެޖުތަކެއް ފޮނުވައިފައި ހުއްޓެވެ. އޭނަގެ ބަހުރުވަ ވަރަށް ރީއްޗެވެ. ފަށުވިވެފައި ފަލްސަފާވެރިއެވެ. ހީވަނީ ލޯބީގެ ރީތި ވާހަކައެއްހެންނެވެ. އަހަރެން މެސެޖުތަކަށް ޖަވާބުދިނީމެވެ. އޭނަގެ އުމުރެއް އަހަރެން ނާހަމެވެ. ޑީޕީއަށް ލައިފައިވާ ފޮޓޯ އަނދިރިކަމުން ސިފައެއް ވަތްކެއް ނުވެއެވެ.
ހަންނާންގެ ސިފަ ނޭނގި ދުވަސްކޮޅަކު އަހަރެން ވާހަކަދެއްކީމެވެ. ބައްދަލުކުރާކަށް އޭނަ ނުބުނެއެވެ. ބައްދަލުކުރަން އިސްވެ އަހަރެން އެދުމުން އޭނަ އުޒުރުވެރިވެއެވެ. ތަނަކަށް ދާންޖެހިފައި އޮވެގެން ނުވަތަ ރަށުން ބޭރުގައި އުޅޭކަމަށް ބުނެއެވެ. ހީވަނީ ކޮންމެވެސް ބަހަނާއެއް ދައްކާހެންނެވެ. ހީވަނީ އަހަންނަށް ފެންނަން އޭނަ ބޭނުން ނުވާހެންނެވެ. ކީއްވެގެން ހެއްޔެވެ؟ އުމުރުން މާ ދޮށީ ހެއްޔެވެ؟ އުނި ސިފައެއް ހުރީ ހެއްޔެވެ؟
"ތި އުޅެނީ އަހަންނަށް ފެންނަން ބިރުންތަ؟" އަހަރެން އެހީމެވެ. "ހާދަ ހީވެޔޭ އެހެން."
"އާނ! އަހަރެން ފެނިއްޖެއްޔާ ސަޕްރައިޒް ވާނެ،" ހަންނާން ޖަވާބުގައި ބުންޏެވެ. "އެކަމަކު ރުޅި ނުވައްޗޭ އިނގޭ! މާދަމާ ރޭ ނައިންނަށް އާދޭ ރަސްފަންނަށް. ވަރިހަމަ ފްރެންޑަކާ އެއްކޮށް އަޔަސް. އަހަރެން ހުންނާނަން ހުދު ޓީޝާޓެއް ލައިގެން. އޭގަ އިންނާނެ ބޮޑު ލޮލެއް ކުރަހާފަ."
ނުނިމޭ