ސައުދީ ބިލިއަނަރު ވަލީދު ދޫކޮށްލައިފި ކަމަށް އާއިލާ އިން ބުނެފި
ސައުދީ ބިލިއަނަރު ވަލީދު ދޫކޮށްލައިފި ކަމަށް އާއިލާ އިން ބުނެފި

ރިޔާޒް (ޖެނުއަރީ 27) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން މިދިޔަ ނޮވެމްބަރު މަހު ހައްޔަރު ކުރި ބިލިއަނަރު ވަލީދު ބިން ތަލާލް ދޫކޮށްލައިފި ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރުކުރި ޝާހީ އާއިލާގެ މެންބަރުންނާއި ކުރީގެ ވަޒީރުންގެ ތެރޭން ގިނަ ބަޔަކު ދޫކުރަން ފަށާފައިވާ ކަމަށް ސައުދީގެ ބައެއް ނޫސްތަކުން ވެސް މިއަދު ވަނީ ބުނެފަ އެވެ. ރޮއިޓާސް އަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި ވަލީދު ވަނީ އޭނާ ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުގެ މައްޗަށް އެއްވެސް ދައުވާއެއް ނެތް. ސަރުކާރާ އެކު އަޅުގަނޑު މިދަނީ މަޝްވަރާ ކުރަމުން. އަޅުގަނޑުގެ ކުށެއް ނެތްކަން ސަރުކާރަށް ސާބިތުކޮށްދޭނަން. އަދި އަޅުގަނޑުގެ ވިޔަފާރީގެ ކޮންޓްރޯލް ސަރުކާރަށް ދޫކޮށްލަން އެއްބަހެއް ވެސް ނުވާނަން،" އުމުރުން 62 އަހަރުގެ ވަލީދު ވިދާޅުވި އެވެ. "ހުރިހާ ކަމެއް ވެސް ވަރަށް އަވަހަށް ނިމިގެން ދާނެ."

މިލްކިއްޔާތުގައި 17 ބިލިއަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ބުނެފައިވާ ވަލީދު ވިދާޅުވެފައި ވަނީ އޭނާ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކޮށްފައި ހުރި ނަމަވެސް ކަންތައް ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ހޮޓަލުގައި ވަލީދަށް މަސައްކަތް ކުރެވޭނެ ގޮތަށް ގާއިމްކޮށްފައި ހުރި ޕްރައިވެޓް އޮފީހާއި ކާ ކޮޓަރާއި ބަދިގެ އަދި ނިދާ ކޮޓަރި ވަނީ އޭނާގެ އިންޓަވިއުގައި ދައްކާލައިފަ އެވެ. ވަލީދު ހުންނެވީ ރިޒް ކާލްޓަންގެ އެންމެ އަގު ބޮޑު ކޮޓަރީގަ އެވެ. ވަލީދު ވިދާޅުވެފައި ވަނީ އެ ތަންތަން މީޑިއާ އަށް ދައްކަން ނިންމީ އޭނާއާ މެދު ކަންތައް ކޮށްފައި ވަނީ ރަނގަޅަށްކަން ދެއްކުމަށް ކަމަށެވެ.

ވަލީދު ވިދާޅުވެފައި ވަނީ އޭނާ ދޫކޮށްލި ނަމަވެސް ދިރިއުޅުއްވާނީ ސައުދީގައި ކަމަށެވެ.

ވަލީދުގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި މަނީ ލޯންޑްރިން އާއި ރިޝްވަތު ދިނުން ހިމެނޭ ކަމަށް ސައުދީ އޮފިޝަލުން ކުރިން ވަނީ ބުނެފަ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ފަރާތްތައް ދޫކުރަން ސަރުކާރުން އެއްބަސްވެފައި ވަނީ އެ މީހުންގެ މުދަލުން ބައެއް ނުވަތަ ފައިސާގެ ބޮޑު ބައެއް ސަރުކާރަށް ދިނުމުންނެވެ. ސައުދީ ސަރުކާރުން އުއްމީދުކޮށްފައި ވަނީ ބަންދުގައި ތިބި މީހުންގެ އަތުން 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ކޮރަޕްޝަނާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށް ބުނެ ސައުދީން ވަނީ 200 ވަރަކަށް މީހުން ހައްޔަރުކޮށްފަ އެވެ.

ސަރުކާރަށް ފައިސާ ދެއްކި ބައެއް މީހުން މިހާތަނަށް ވަނީ ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޕްރިންސް މުތުއަބް ބިން އަބްދުﷲ އާއި މިއަދު ހެނދުނު މިނިވަންކުރި މެދުއިރުމަތީގެ އެންމެ ބޮޑު ޓީވީ ނެޓްވޯކް އެމްބީސީގެ ޗެއާމަން ވަލީދު އަލް އިބްރާހިމް އާއި ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވާޖިރީ ހިމެނެ އެވެ. ސައުދީ ބިން ލާދިން ގްރޫޕުން ވެސް މިހާރު ވަނީ އެ ކުންފުނީގެ ޗެއާމަން ބަކްރު ބިން ލާދިން މިނިވަން ކުރާ މަތިން ކުންފުނީގެ ހިއްސާ އިން ބޮޑު ބައެއް ސަރުކާރަށް ދޭން އެއްބަސްވެފަ އެވެ.

ސަރުކާރަށް ފައިސާ ދޭން އެއްބަސް ނުވާ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ފަހު އެ މީހުން ދެން ބަދަލު ކުރާނީ ޖަލަށެވެ. ބަންދުގައި މީހުން ތިބި ރިޒް ކާލްޓަން ހޮޓާ ވަނީ އަންނަ މަހު 14 އިން ފެށިގެން ޓޫރިސްޓުންނަށް އަލުން ހުޅުވާލަން ނިންމައިފަ އެވެ.